• 23 ނޮވެންބަރު 2023

    ކިންގްސް ކެޕިޓަލް ހޯލްޑިންގސްއިން ހިންގާފައިވާ އިންވެސްޓްމަންޓް ސްކީމްއާ ގުޅިގެން ދަޢުވާކުރުން

    ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ މައްސަލައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 (ތޭރަ) މީހުންގެ ބައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 23 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    1. މ. ފިނިވާގެ 2 ނަންބަރު ބައި، އަލްހާނު ފަހުމީގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ.

    2. މ. ފިނިވާގެ 2 ނަންބަރު ބައި، ޞަޙުބާން ފަހުމީގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ.

    3. ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ.

    މި މައްސަލައާ ގުޅިގެން މިހާތަނަށް ކޮށްފައިވާނީ އެކު ޖުމްލަ 39 (ތިރީސް ނުވައެއް) ދަޢުވާއެވެ.

    މި ދަޢުވާތައް ކޮށްފައިވާ ސަބަބަކީ، އަލްހާނު ފަހުމީއާއި، ޞަޙުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއްކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސް ޕވޓ ލޓޑއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، ޢާންމު އެކި މީހުން އަތުން އެކި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީއެވެ.

    ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 (ނުވަދިހަ އަށެއް) މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ. މި މައްސަލައިގައި ދަޢުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 (ތޭރަ) މީހުންގެ ބައިގައެވެ. 

    މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެ ބައިތަކުގެ ތަޙުޤީޤު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، މި މައްސަލައިގައި އިތުރު ދަޢުވާތައް ކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ.