އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ހޯއްދަވަން، މެޖިސްޓްރޭޓް އަމުރު ކުރެއްވި މަޢުލޫމާތު، އެކޯޓުން އެދިވަޑައިގެންނެވި ދުވަހަށް ފޮނުވިފައިނުވަނީ، އެ މަޢުލޫމާތަކީ މިއޮފީހަށް މައްސަލައިގައި ލިބިފައިވާ މަޢުލޫމާތަކަށް ނުވާތީއެވެ. އެފަދަ މަޢުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާޢުން ހުށަހެޅުއްވުމުން އެ މަޢުލޫމާތު ހޯދުމަށް މަސައްކަތކުރާނެކަމަށް ކޯޓުގައި ދެންނެވުން އެ ގޮތުގެ މަތިން އެފަދަ ހުށަހެޅުމެއް ލިބިފައިނުވާތީއެވެ. ޕްރޮސިކިއުޝަން މެދުވެރިކޮށް މިފަދަ މަޢުލޫމާތެއް ނުހޯދޭ ޙާލަތުގައި އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް އަމުރު ކުރައްވައިގެން ހޯއްދެވެއެވެ.
އެމަޢުލޫމާތަކީ، ފުލުސް އޮފީހުން ބަލަހައްޓާ މަޢުލޫމާތަކަށްވާތީ، އެމަޢުލޫމާތު ހޯއްދެވޭނެ ގޮތަކީ ފުލުސް އޮފީހަަށް އަމުރެއް ފޮނުއްވައިގެންނެވެ. އެ އަމުރު، ފުލުސް އޮފީހަށް ފޮނުއްވާފައި އޮތްކަމަށް މިއޮފީހަށް މަޢުލޫމާތު ލިބިފައިވެއެވެ. އެފަދަ ކަމެއްގައި، މިއޮފީހުން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލުމަކީ އިންޞާފުވެރި ގޮތެއްކަމަށް ނުވެދާނެތީ، އެއަމުރު މަތީ މަރްޙަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ. މިއޮފީހުގައި ހުރި މަޢުލޫމަތެއް ކޯޓަކުން ބޭނުންފުޅުވެގެން އެދިވަޑައިގެންފިނަމަ، ނުދީ ހިފެހެއްޓުމަކީ މިއޮފީހުން ދުވަހަކުވެސް ކުރި ނުވަތަ ކުރާނެވެސް ކަމެއް ނޫނެވެ. މިއޮފީހުން ކޯޓަށް ހުށަހަޅާ މއްސަލައެއްގައި، މިއޮފީހަށް ލިބޭ ހުރިހާ މަޢުލޫމާތެއް ހާމަކުރަމެވެ. ފޮރުވާނެ އެއްޗެއް ނޯންނާނެއެވެ. ޤާނޫނީ ސަބަބަކާހުރެ އެއްވެސް މަޢުލޫމާތެއް ސިއްރުކުރަން އެދޭނަމަ، އެކަން ކުރަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއް ލިބިގެންނެވެ. ނަމަވެސް، ތަޙުޤީޤުން ނުލިބޭ، މިއޮފީހުގައި ނުވެސް ނެތް މަޢުލޫމަތެއް ހާމަކުރަން ކޯޓުން އެދޭނަމަ، އެމަޢުލޫމާތެއް ހޯއްދެވޭނީ، އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް ލިޔުއްވައިގެންނެވެ.
ނަމަވެސް، މިއޮފީހުގައި ނެތް މަޢުލޫމާތެއް، ކޯޓަށް ހުށަނާޅައިގެން ހިނގި ކަމެއްގައި، އަދު އަމުދުން އެކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 76 ވަނަ މާއްދާ (ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފުވުން) ގައި، އެމާއްދާގެ ދަށުން އަދަބެއް ކަނޑައެޅޭނީ"ޝަރީޢަތުގެ މަޖިލީސް ހިނގަމުންދަނިކޮށް" ހިނގާ ކަމެއްގައި ކަމަށް ސާފުކޮށް އޮއްވާ، މަޖިލީހުގެ ތެރޭގައި ނޫން ގޮތަކަށް ދިމާވި ކަމެއްގައި، އެމާއްދާގެ ދަށުން އަދަބު ކަނޑައެޅުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ.