-
13 ނޮވެންބަރު 2023
ސްކޭމް ކޯލުތަކާއި އޮޅުވާލައިގެން، މަކަރާއި ޙީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ޢަމަލުކުރަންވީ އުޞޫލުތަކާބެހޭ އިރުޝާދެއް ނެރުން
ސްކޭމް ކޯލުތަކާއި، އޮޅުވާލައިގެން، މަކަރާއި ޙީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް މުޖްތަމަޢުގެ ތެރޭގައި ގިނަވެ، އެކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާތަކާ ހަމައަށް އައިސްފައިވާތީ، އެކަން ހިނގާ ގޮތް ބަލައި، އެކަމުގައި ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ވަޒަންކުރިއިރު، މިކަމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އޮތުމުގެ މުހިންމުކަން އޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގެންނަވައެވެ.
ވީމާ، ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް) ގެ (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަޙްޤީޤްތައް ބަލައި އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމުގެ ޒިންމާގެ ދަށުން، ސްކޭމްގެ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި ދަޢުވާކުރުމުގައި އެއް ގޮތަކަށް ޢަމަލުކުރުމަށް ބާރު އެޅުމަށާއި، އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުރިހަމަކުރަންވީ ކަންކަން އެއް ހަމައަކުން ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ "ސްކޭމް ކޯލްތަކާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި، ދަޢުވާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު" އެއް މިއަދު ނެރުއްވައި، ހުރިހާ ތަޙްޤީޤީ އިދާރާތަކަށް ފޮނުއްވާފައިވެއެވެ.
މިއިރުޝާދާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން، ސްކޭމް ކޯލްތަކާގުޅޭ މައްސަލަތަކުގެ ތަޙްޤީޤުތައް އަވަސްވެ، ކާމިޔާބުކަމާއެކު ޕްރޮސިކިއުޓް ކުރުމަށް ބާރު އެޅޭނެކަމަށް މިއޮފީހުން ޤަބޫލުކުރަމެވެ. މިއާއެކު، މިބާވަތުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ތަޙްޤީޤީ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުމުގައި ކަމާބެހޭ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ މަސައްކަތްތަކެއްވެސް މިހާރު މިދަނީ ކުރަމުންނެވެ. މޯބައިލް ފޯނުގެ ޚިދުމަތްދޭ ތަންތަނާއި ބޭންކުތަކާއި، އެނޫންވެސް މާލީ މުޢާމަލާތްތައް ހިންގާ ތަންތަނުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ލިބިގެން މެނުވީ، މިބާވަތުގެ މައްސަލަތައް ކާމިޔާބުކުރުން ވާނީ ދަތި ކަމަކަށެވެ.