ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ "ލެތުން" ޑާޓާބޭސް އިފްތިތާޙް ކޮށްފައިވަނީ 29 މޭ 2022 ގައެވެ. މިއީ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގުމުގައި ބަލައި، ދިރާސާކޮށް، ޙަވާލާދީ، ޢަމަލުކުރަންޖެހޭ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކާއި، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކާއި، މެމޯތަކާއި އިރުޝާދުތަކާއި ޢަމަލުކުރާ އުޞޫލުތައް، އެއްތަނަކުން ފެންނާނޭހެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނު ޑާޓާބޭސްއެވެ.
މިއީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމްގެ އިސްނެންގެވުމެކެވެ.
މި ޑޭޓާބޭސްއަށް ޖިނާޢީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި ފަރާތްތަކާއި، ޤާނޫނު ކިޔަވައިވިދާޅުވާ ބޭފުޅުންނާއި، ޢާންމުންނަށް އެކްސެސް ލިބިވަޑައިގަންނަވާނެއެވެ
"ލެތުން" ގައި ހިމަނާފައިވާ ޤާނޫނުތަކާއި، ގަވާއިދުތައް ހިމަނާފައިވާނީ އެކި ފަހަރުމަތިން ގެނެސްފައިވާ އިޞްލާޙްތައް ކޮންސޮލިޑޭޓްކޮށް، އިސްލާޙް ގެނެވުނު ތާރީޚްތައްވެސް އެނގޭނެގޮތަށެވެ. އަދި ފަރުމާކޮށްފައިވާނީ ޤާނޫނީ ދިރާސާތައް ހައްދަވާ ބޭފުޅުންނަށް ފަސޭހަވާނެގޮތަށް، ސާރޗްވެސް ކުރެވޭގޮތަށެވެ.
އެންމެ ބޭފުޅުން "ލެތުން" އާ ގުޅިވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ.