ޢުންޞުރުގެ ފުރަތަމަ ޢަދަދު

15 ޑިސެންބަރު 2022

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނިއުސްލެޓަރ "ޢުންޞުރު" އަށް މަރްޙަބާ!

ޤާނޫނުއަސާސީ ނިޔާކުރާ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާގެ މަސައްކަތުގެ އަސާސް ބިނާކުރަންވާނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށެވެ. ހަމަހަމަކަން ޤާއިމުކުރެވޭނީ ހާމަކޮށް، ހުޅުވާލެވިގެން، ދެފުށް ފެންނަ ގޮތަށް މަސައްކަތް ބައްޓަން ކޮށްގެންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގައި ޢާންމުންނަށާއި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވޭނީ މިދެންނެވި ހާމަކަމުގެ ތެރެއިންނެވެ. "ޢުންޞުރު" އަކީ އެމަގަށް ވާޞިލުކޮށްދޭނެ މަގެކެވެ.

އަނިޔާލިބޭމީހުންނާއި، ހެކިންނަށް ޚާއްޞަ ޔުނިޓެއް

ޖިނާއީ ބައެއް މައްސަލަތަކުގައި އެ މައްސަލަތަކުގެ ބާވަތުން، އަނިޔާލިބޭ މީހުންނާއި، ހެކިންނަށް ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވެއެވެ. ޤާނޫނީ ވަކީލުންނަކީ އެމީހުންގެ މަސައްކަތުގެ ގޮތުން "މަޑުކަށި" ބައެއް ނޫނެވެ. މިފަދަ ވިކްޓިމުންނާއި ހެކިންނާ މުޢާމަލާތުކޮށް އެހީތެރިވުމަށް މި އޮފީހުގައި އެކަމަށް ޚާއްޞަ ޔުނިޓެއް ޤާއިމުކޮށްފައިވާނެއެވެ. އެއީ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓެވެ.

ޕީޖީ އޮފީހުގެ ފުރަތަމަ އަތޮޅު ގޮފި

ދިވެހިރާއްޖޭގައި ފުރަތަމަ އައްޔަން ކުރެވުނު ޕްރޮސިކިއުޓަރ ޖެނެރަލްއަކީ އަލްއުސްތާޛް އަޙްމަދު މުޢިއްޒުއެވެ. އަތޮޅުތެރޭގައި މި އޮފީހުގެ ގޮފިތަށް ޤާއިމުކޮށް, "ލާމަރުކަޒީ" ކޮށް އޮފީސް ހިންގުމަކީ އެމަނިކުފާނުގެ ސިޔާސަތެކެވެ. އެގޮތުން އެންމެ ފުރަތަމަ އުފެއްދެވީ ހދ. އަތޮޅު ގޮތްޕެވެ. އެއީ 09 ނޮވެންބަރު 2008 ގައެވެ.

މައްސަލަތައް ކޯޓުން އަނބުރާ ގެނައުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކަކީ ޚާއްޞަ ސަމާލުކަމެއްދީގެން، އެބާވަތުގެ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅު އަޅާ މައްސަލަތަކެކެވެ. އެފަދަ މައްސަލަތަކުގެ ތަޙުޤީޤުގެ އެންމެ ކުރީ މަރުޙަލާއިން ފެށިގެން މި އޮފީހުން ބައިވެރިވެއެވެ. ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރާތާ 24 ގަޑިއިރު ތެރޭގައި، ލިބިފައިވާ ހެކިތަކަށް ބަލައި ބަންދުގައި ބަހައްޓަންޖެހޭނަމަ، ބަންދާމެދު ގޮތެއް ނިންމަވާ މަޖިލިސްތަކުގައި މި އޮފީހުގެ ވަކީލުން ބައިވެރިވެއެވެ.

ކުޑަކުދިން ދައްކާ ވާހަކައަށް ދެވޭ ބުރަދަން

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލަތައް ސާބިތުކުރުމުގެ އެންމެ މުހިންމު ހެއްކަކީ އެ ކުއްޖާ ކިޔައިދޭ ކިޔައިދިނުމެވެ. ކުއްޖާގެ ވާހަކަތަކަކީ ތެދު ވާހަކަތަކެއްކަން ދައްކުވައިދޭ އިތުރު ކަންކަން ހުރިނަމަ، އެ މައްސަލަ ސާބިތުވުން ގާތެވެ.

ޚިދުމަތުގެ ރަން ތެއްތިރީސް އަހަރު

އާމިނަތު ސަމީހާ ޕީޖީ އޮފީހަށް ޚިދުމަތް ކުރައްވަން ފެއްޓެވީ މި އޮފީސް، އޮފީހެއް ގޮތުގައި އުފެދުމުގެވެސް މާ ކުރިންނެވެ. ސަމީހާގެ ޚިދުމަތް ފެއްޓެވީ 10 އޮގަސްޓް 1987 ގައި އެޓާރނީ ޖެނެރަލްގެ އޮފީހުގައެވެ. އައު ޤާނޫނުއަސާސީ އެކުލަވާލެވި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަލަށް އުފެދުމާއެކު ސަމީހާ މި އޮފީހުގެ އިދާރީ މަސައްކަތާ ގުޅިވަޑައިގަތެވެ. ފެށުނީސްސުރެވެސް ސަމީހާ ކުރެއްވީ މައްސަލަތަކާ ގުޅޭ އިދާރީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތެވެ. 13 ޑިސެންބަރު 2020 އާ ހަމައަށް ވަޒީފާއިން މުސްކުޅިކުރެއްވުމާ ހަމައަށްވެސް ދެމި ހުންނެވީ ހަމަ އެމަސައްކަތުގައެވެ. މުސްކުޅިކުރެއްވިއިރު މި އޮފީހުގެ ޕްރޮސިކިއުޝަން ސަޕޯޓްގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގައި އެ ސެކްޝަން ހިންގެވުމުގެ އެންމެ އިސް ސަފުގައި ހުންނެވިއެވެ. ރާއްޖެ ދުށް ހުރިހާ ޕްރޮސިކިއުޓަރ ޖެނެރަލުންނާއެކު ވަރަށް ގާތުން މަސައްކަތްކުރެއްވިއެވެ.

ޕީޖީ އޮފީހުގެ "ލެތުން" އިފްތިތާޙް ކުރުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ "ލެތުން" ޑާޓާބޭސް އިފްތިތާޙް ކޮށްފައިވަނީ 29 މޭ 2022 ގައެވެ. މިއީ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގުމުގައި ބަލައި، ދިރާސާކޮށް، ޙަވާލާދީ، ޢަމަލުކުރަންޖެހޭ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކާއި، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކާއި، މެމޯތަކާއި އިރުޝާދުތަކާއި ޢަމަލުކުރާ އުޞޫލުތައް، އެއްތަނަކުން ފެންނާނޭހެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނު ޑާޓާބޭސްއެވެ.

މި އޮފީހުން ބައިވެރިވި އިންޓަރނޭޝަނަލް ޓްރެއިނިގް ޕްރޮގްރާމްތައް

މިއަހަރުގެ މިހާތަނަށް ރާއްޖޭން ބޭރުގައި ބޭއްވި 14 ޓްރެއިނިންގ ޕްރޮގްރާމެއްގައި މި އޮފީހުގެ 23 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ތެރޭގައި ޕްރޮސިކިއުޝަންގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ޕްރޮގްރާމްތަކާއި، ތަފާސްހިސާބު ރިޕޯޓްކުރުމާގުޅޭ ޕްރޮގްރާތައް ހިމެނެއެވެ.