އާމިނަތު ސަމީހާ ޕީޖީ އޮފީހަށް ޚިދުމަތް ކުރައްވަން ފެއްޓެވީ މި އޮފީސް، އޮފީހެއް ގޮތުގައި އުފެދުމުގެވެސް މާ ކުރިންނެވެ. ސަމީހާގެ ޚިދުމަތް ފެއްޓެވީ 10 އޮގަސްޓް 1987 ގައި އެޓާރނީ ޖެނެރަލްގެ އޮފީހުގައެވެ.
އައު ޤާނޫނުއަސާސީ އެކުލަވާލެވި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަލަށް އުފެދުމާއެކު ސަމީހާ މި އޮފީހުގެ އިދާރީ މަސައްކަތާ ގުޅިވަޑައިގަތެވެ. ފެށުނީސްސުރެވެސް ސަމީހާ ކުރެއްވީ މައްސަލަތަކާ ގުޅޭ އިދާރީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތެވެ. 13 ޑިސެންބަރު 2020 އާ ހަމައަށް ވަޒީފާއިން މުސްކުޅިކުރެއްވުމާ ހަމައަށްވެސް ދެމި ހުންނެވީ ހަމަ އެމަސައްކަތުގައެވެ. މުސްކުޅިކުރެއްވިއިރު މި އޮފީހުގެ ޕްރޮސިކިއުޝަން ސަޕޯޓްގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގައި އެ ސެކްޝަން ހިންގެވުމުގެ އެންމެ އިސް ސަފުގައި ހުންނެވިއެވެ. ރާއްޖެ ދުށް ހުރިހާ ޕްރޮސިކިއުޓަރ ޖެނެރަލުންނާއެކު ވަރަށް ގާތުން މަސައްކަތްކުރެއްވިއެވެ.
މި އޮފީހުގެ އިދާރީ ހިންގުން މިހާރު ހިނގާގޮތަށް ބަދަލުކުރުމުގައިވެސް އިސްކޮށް އުޅުއްވިއެވެ. އެގޮތުން ހުށަހެޅޭ ކޮންމެ މައްސަލައަކަށް ވަކި ނަންބަރެއްދީ ވަކި ފައިލެއް ތައްޔާރުކުރުމާއި، މައްސަލައިގެ ކޮންމެ ލިޔުމަކަށް ވަކި ނަންބަރެއް ދޭންފެށުންފަދަ ކަންކަން ސަމީހާގެ ހަނދާނުން އުންޞުރާ ޙިއްޞާކުރެއްވިއެވެ. ވަޒީފާއިން މުސްކުޅި ކުރައްވަންދެންވެސް ސަމީހާ މިމަސައްކަތް ކުރެއްވިއެވެ. އަދި ވަރަށް ރަނގަޅަށް ކުރެއްވިމެއެވެ.
އިދާރީގޮތުން އެކި ދުވަސްވަރު ގެންނެވި އެކި ބަދަލުތަކުން މި އޮފީހުގެ މަސައްކަތްތައް ވަކި ތަރުތީބަކުން ހިންގުމަށް މަގުފަހިވެގެންދިޔަކަމަށް ސަމީހާ ފާހަގަކުރައްވައެވެ. ސަމީހާގެ ޚިދުމަތުގެ ދިގު ތާރީޚުގައި އެންމެ ހަނދާނުން ފިލުވާލަން ދަތި ދުވަސްވަރަކީ 2017 ވަނަ އަހަރު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށައި، މައްސަލަތަކުގައި ދަޢުވާކުރުމަށް ވަކި ޚާއްޞަ މުއްދަތުތަކެއް ކަނޑައެޅުންކަމަށް ސަމީހާ ވިދާޅުވިއެވެ. އެގޮތުން އެއްފަހަރާ ގިނަ މައްސަލަތަކެއް ކޯޓަށް ވައްދަން ޖެހުމާއި، އެ ޤާނޫނާއެކު މި އޮފީހުގެ މަސައްކަތްތަކަށް ގެނައި އިދާރީ ބޮޑު ބަދަލު ސަމީހާ ފާހަގަކުރައްވައެވެ. މައްސަލަތައް ވަކީލުން ހެއްދެވިޔަސް ކޯޓާ ހަމައަށް ގެންދެވެނީ ސަމީހާފަދަ "ވަކީލުން" ގެ ބުރަ މަސައްކަތުންނެވެ.
މިފަދަ ޚިދުމަތްތެރި ބޭފުޅުންގެ އަގު މި އޮފީހުން އަބަދުވެސް ވަޒަންކުރަމެވެ. ސަމީހާއަކީ މި އޮފީހުގެ އިދާރީ އުސް ތަނބެކެވެ. ސަމީހާގެ ޚިދުމަތްތައް މި އޮފީހުގެ ޞަފްޙާތަކުން ފިލުވާލެވޭނެ ދުވަހެއް އެއީ ނާންނާނެ ދުވަހެކެވެ.