ޢާންމު އުޞޫލެއްގެ ގޮތުން ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުކުރަނީ މައްސަލައިގެ ތަޙުޤީޤު މަރުޙަލާ ނުވަތަ ދަށު ކޯޓުގެ ޝަރީޢަތްތައް ކުރިއަށްދާ މަރުޙަލާގައެވެ. ނަމަވެސް ދަށު ކޯޓުން މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅާ މައްސަލަތައް މި އޮފީހުން އިސްތިއުނާފު ކުރާ ޙާލަތުގައިވެސް، އިސްތިއުނާފު ރައްދުވާ މީހާ ބަންދުގައި ބެހެއްޓުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ޙުއްދަކުރާ ކަމެކެވެ.
ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ޢަލީ ނިފާޛު އަދި އިތުރު 3 މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ޤަޟިއްޔާ (އެކޯޓުގެ ނަންބަރު 2023/SC-A/44 ޤަޟިއްޔާ) އަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާއެއްގައި ގޮތެއް ކަނޑައެޅެންދެން ބަޔަކު ބަންދުކުރަން ނިންމެވި ފުރަތަމަ މައްސަލައެވެ. އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްތިއުނާފީ މަރުޙަލާގައި ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބަންދުގައި ބަހައްޓައިދިނުމަށް އެދުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ އިޚްތިޔާރެކެވެ.
އެގޮތުން އިސްތިއުނާފު މަރުޙަލާގައިވެސް މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނީ ދަށު ކޯޓު މަރުޙަލާގައިވެސް ޢަމަލުކުރާ އުޞޫލުންކަމަށް އެ މައްސަލައިގައި ނިންމަވާފައިވެއެވެ.
އެއީ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 4 ޙާލަތުން ކުރެ ޙާލަތެއް ވުޖޫދުވުމެވެ. (އެ 4 ޙާލަތަކީ މައްސަލައެއްގެ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި، މިއެވެ.)
ޝަރީޢަތުގެ ކޮންމެ މަރުޙަލާއަކަށް ވަކިން ޤާނޫނެއް ނުވަތަ ގަވާއިދެއް ހެދިފައި ނެތްކަމުގައި ވިޔަސް، ބަލަމުންދާ މައްސަލައެއްގައި ވަކިކަމަކާ ބެހޭ އިޖުރާއަތެއް ހިންގުމަށް ޤާނޫނަކުން ނުވަތަ ގަވާއިދަކުން ލާޒިމުކުރާ ޙާލަތުގައި މައްސަލަ އޮތީ ކޮންމެ މަރުޙަލާއެއްގައި ކަމުގައިވިޔަސް އެއިޖުރާއަތެއް ހިންގުން ލާޒިމުވާނެކަމަށް އެ މައްސަލައިގައި ކަނޑައަޅުއްވާފައިވެއެވެ.