ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި ކުޑަކުދިން ވިކްޓިމައިޒްވާ މައްސަލަތަކުގައި ކުދިންގެ މަޢުލޫމާތު ޢާންމު ނުކުރުމަކީ ޒަމާނުއްސުރެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިފަހައްޓާ ހަމައެކެވެ.
މިބާވަތުގެ މައްސަލަތަކުގައި ކުރިން މި އޮފީހުން ހިފަހައްޓަމުންދިޔަ ހަމައަކީ މިބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ މަޢޫލޫމާތު ހިމެނޭ އެއްވެސް ލިޔުމެއް ނަކަލުކޮށް ދޫނުކުރުމެވެ. ދިފާޢު ބިނާކުރުމުގެ ބޭނުމުގައިވެސް އެ ލިޔުންތައް ބެލޭނީ ކޯޓަށް ޙާޟިރުވެ، ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކުގައެވެ. މަޤްޞަދަކީ އަނިޔާލިބޭ ކުޑަކުދިންގެ މަޢުލޫމާތު މުޖުތަމަޢަށް ޢާންމުވުމުގެ ކުޑަވެސް ފުރުޞަތެއް ނުދިނުމެވެ.
މި އުޞޫލަށް ބަދަލު އައީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް (އެކޯޓުގެ ނަންބަރު 2021/HC-A/142) ޤަޟިއްޔާގެ ނިންމެވުމަށްފަހުއެވެ. އެ މައްސަލައިގައި ފަނޑިޔާރުންގެ ކުރިފުޅުމަތީގައި އޮތީ، އަނިޔާލިބޭ ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، ދަޢުވާލިބޭ މީހުންނަށް ދިފާޢު ބިނާކުރުމަށް އެކަށީގެންވާ ފުރުޞަތު ލިބިދެވޭނެ އުޞޫލެއް ޤާއިމުކުރުމެވެ.
އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވީ އަނިޔާލިބޭ ކުއްޖާގެ ފޮޓޯ ވީޑިއޯ ހިމެނޭ ލިޔުންތައް ފިޔަވައި، ދެންހުރި ލިޔުންތައް، މުޖުތަމަޢަށް ޢާންމު ވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ދަޢުވާލިބޭ މީހާއާއި ދިފާޢީވަކީލަށް ޝަރުތުކޮށް ދޫކުރެވިދާނެކަމަށެވެ. އެ އުޞޫލު ކަނޑައެޅުމާއެކު، ކުޑަކުދިން ދޭ ބަޔާންތަކާއި، ކުއްޖާގެ ޒާތީ މަޢުލޫމާތު ހިމެނޭ އެހެން ލިޔުންތައް، ޝަރުތުކުރުމަށްފަހު ދަޢުވާލިބޭ މީހުންނާއި ދިފާޢީ ވަކީލުންނަށް މިގެންދަނީ ކޯޓު މެދުވެރިކޮށް ދޫކުރަމުންނެވެ.
އެތަކެތި މުޖުތަމަޢަށް ޢާންމުވެދާނެ އެއްވެސްކަމެއް ނުކުރުމަށް ޝަރީޢަތުން ކުރާ ޝަރުތާ ޚިލާފުވުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމަށް ބަލައި ފިޔަވަޅު އެޅުމުގެ ފުރުޞަތު އޮންނާނެ ކަމެކެއެވެ. އަދި އެފަދަ ކަމެއް ފާހަގަވެއްޖެނަމަ، އެ މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް މި އޮފީހުން ކޯޓުގައި އެދޭނަމެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ މަޢުލޫމާތު ނޫސްވެރިންނަށް ދިނުމުގައިވެސް ވަރަށް ޚާއްޞަ ހަމަތަކެއް ހިފަހައްޓަމެވެ. އެގޮތުން ކުއްޖާގެ ބައްޕަ ނުވަތަ ޢާޢިލާ މެންބަރެއްގެ ފަރާތުން ޖިންސީ ގޯނާ ލިބޭކަމަށް ދަޢުވާކުރެވޭ މައްސަލަތަކުގައި ދަޢުވާލިބޭ މީހާގެ މަޢުލޫމާތުވެސް ނުދީ ހިފަހައްޓަމެވެ. އެއީ އެމީހާގެ މަޢުލޫމާތުން، ކުއްޖާއަކީ ކާކުކަން ދެނެގަތުމުގެ ފުރުޞަތު އޮވެދާނެތީއެވެ.
ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކުރުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/19) ގެ 33 ވަނަ މާއްދާ މަނާކުރާ ކަމެކެވެ. އެފަދަ މަޢުލޫމާތު އެއްވެސް ފަރާތަކުން އެއްވެސް ސިފައެއްގައި ދަޢުރުކޮށްގެން ނުވާނެއެވެ. ކުއްޖާގެ ނަން އުނިކުރުމުން އެކަނި ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރި ކުރެވުނީކަމަކަށް ނުވެއެވެ.