• 22 ޑިސެންބަރު 2024

    ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ދެންނެވުން

    17 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު މި އޮފީހަށް ހުށަހަޅާފައިވެއެވެ.

    އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުންލިބޭ ގޮތަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

    އެ ރިޕޯޓުގައިވާ ކަންކަމަށް މި އޮފީހުން ރިޢާޔަތްކުރުމަށްފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަޙުޤީޤުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި 17 ޑިސެންބަރު 2024 ގައި ދަންނަވާފައިވާނެއެވެ.

    އަދި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށާއި، ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ ވަރަކުން މި އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް އެ ކޮމިޝަންގައި ދަންނަވާފައިވާނެއެވެ.