• 26 އެޕްރީލް 2023

     

    މއ. ހަނީސަކްލް-1، ޙުސައިން ޝިފާޢު، އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއިޙީލަތް ހަދާފައިވާ މައްސަލައިގައި މއ. ހަނީސަކްލް-1، ޙުސައިން ޝިފާޢުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 26 އެޕްރީލް 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 09 (ނުވައެއް) ދަޢުވާ.

    2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 07 (ހަތެއް) ދަޢުވާ.

    3. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ 07 (ހަތެއް) ދަޢުވާ.

    އެކު ޖުމްލަ 23 (ތޭވީސް) ދަޢުވާ.

    މި ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

    މީނާ މި ކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން މީނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. 

     

    މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އައްސަތޭކަ އައްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) އެވެ.

    މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާނެއެވެ.