• 03 ފެބުރުވަރީ 2025

    ބަންދު ފޯރަމުގައި ހުށަހެޅުނު ޙައްލުތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނީ ޖުޑީޝަރީއާ މަޝްވަރާކުރުމަށްފަހު

    ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި 1 ފެބްރުވަރީ 2025 ވީ ހޮނިހިރު ދުވަހު މި އޮފީހުން ބޭއްވި "ބަންދު ފޯރަމް" ގައި ބައިވެރިވި އިދާރާތަކުން އިއްތިފާޤުވާ އެއްކަމަކީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަމާއި، މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުންކަމެވެ.

     

    ކޯޓުތަކުގައި ޖިނާއީ މައްސަލަތައް ކުރިއަށްގެންދިއުން އަވަސްކުރުމަށް ކޯޓުތަކަށް ފަހިކޮށްދީ އެހީތެރިވުމަށްޓަކައި، އިދާރާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން "ބަންދު ފޯރަމް" ގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގައި ޤާއިމުކޮށްފައިވާ ވީޑިއޯ ކޮންފަރެންސިން ސިސްޓަމްތައް އިތުރުކުރުމާއި، ކޯޓުތަކުގެ އަޑުއެހުންތައް އޮންލައިން ޝެޑިއުލިންގ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. 

     

    "ބަންދު ފޯރަމް" ގެ ފުރަތަމަ ބައި ކުރިއަށްގެންދެވުނީ، ޖުޑީޝިއަރީ ފިޔަވައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާއެގައެވެ. މި ފޯރަމުގެ ދެން އޮންނާނީ ޖުޑީޝަރީއާއެކު ކުރިއަށްގެންދާ ބައެވެ. އެގޮތުން މި ފޯރަމުގައި ހޯދުނު ހޯދުންތަކާއި، ޙައްލުތައް ޖުޑީޝަރީއަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު، ޖުޑީޝަރީގެ ބައިވެރިވުމާއެކު އެކަންކަން ތަންފީޛްކުރުމަށް ސަރުކާރަށާއި، ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނަމެވެ. އަދި އެކަންކަން ތަންފީޛްކުރެވެމުންދާ މިންވަރާމެދު މި އޮފީހުން ފާރަވެރިވަމުން ގެންދާނަމެވެ.