ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ޖިނާއީ ދަޢުވާކުރާ އިދާރާއެކެވެ. މިއޮފީހުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާނީ ކުށް ކުރުން ހުއްޓުވުމާއި، ކުށް ކުރުމަށް ދަތިކުރުމުގެ މައްޗަށެވެ. މާލީ ކުށްތަކާ ގުޅިގެން މި އޮފީހުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާލީ ނިޒާމަށް މީހުންގެ އިތުބާރު އިތުރުކުރުމާއި، ކުށްވެރިންނަށް މާލީ އިދާރާތަކުގެ ތެރެއިން ކުށްކުރުމަށް ހުރި މަގުތައް ބަންދުކުރުމެވެ. އެގޮތުން ދިވެހިރާއްޖެއަށް ސިއްރުން ރަން އެތެރެކުރުމުގެ މައްސަލަތަކަކީ އިސްވެ ދެންނެވުނު އުޞޫލުން މި އޮފީހުން ފިޔަވަޅު އަޅަމުންދާ މައްސަލަތަކެކެވެ.
ނަމަވެސް، އެ ނޫން އެއްވެސް އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ އެތަކެތި ދިވެހިރާއްޖެ އެތެރެކުރާކަން ހާމަކޮށް، އެކަން ކަސްޓަމްސްއަށް ހުށަހެޅުމުން، ކަސްޓަމްސްއިން އެކަމަށް ހުއްދަ ދިނުމުންނެވެ. އެއީ ޑިއުޓީ ދައްކަން ޖެހޭ އެއްޗެއްކަމުގައި ވިޔަސް، ނުވިޔަސް މެއެވެ.
މިބާވަތުގެ މައްސަލަތަކުގައި މި އޮފީހުގެ ސިޔާސަތަށް ގެނައި ބަދަލަކީ، އެމީހާ އަތުން ފެނުނު ރަނަކީ ކުށުގެ ވެށިން ނެގުނު، ކުށްކުރުމަށް ބޭނުންކުރި އެއްޗެއްކަމަށް ބަލައި، އެ ރަން ދައުލަތަށް ނަގައި، އެމީހާގެ މައްޗަށް ޖިނާއީ ދައުވާކުރުމެވެ.
މިދާއިރާގައި ކަސްޓަމްސްއިން ކުރެއްވި ކާމިޔާބު މަސައްކަތުން މިދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ރަން އެތެރެކުރި ގިނަ މީހުން އަތުލައިގަނެ، ކާމިޔާބުކަމާއެކު އެ ހުރިހާ މައްސަލަތަކެއްގައި ޖިނާއީ ދަޢުވާކޮށް، ސިއްރުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ރަން ދައުލަތަށް ނަގާފައިވާނެއެވެ.
މި އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވެ ދިޔަ އަހަރެއްހައި ދުވަހު، ފޮރުވައިގެން ދިވެހިރާއްޖެއަށް ރަން އެތެރެކުރި މައްސަލަތަކުގައި ދައުލަތަށް 10.99 (ދިހައެއް ޕޮއިންޓް ނުވައެއް ނުވައެއް) ކިލޯގެ ރަން ލިބިފައިވެއެވެ. ދުނިޔޭގެ މާކެޓްގައި ރަނުގެ އަގަށް ބަލާއިރު، ޢާންމު ގޮތެއްގައި އުޅެނީ، ކިލޯއެއް 60،000$ (ފަސްދޮޅަސް ހާސް އެމެރިކާ ޑޮލަރު) އާއި 70،000$ (ހަތްދިހަ ހާސް އެމެރިކާ ޑޮލަރު) އާ ދެމެދުގެ އަގެއްގައެވެ. މާނައަކީ، މިދިޔަ އަހަރެއްހައި ދުވަހު، ސިޔާސަތަށް ގެނައި ބަދަލާއެކު، ކުށްކޮށްގެން ހޯދި މުދާ ދައުލަތަށް ނަގައިގެން، ދައުލަތަށް ނެގި ރަނުގެ އަގުގެ ގޮތުން، މަދުވެގެން 659،000$ (ހަ ލައްކަ ފަންސާސް ނުވަހާސް އެމެރިކާ ޑޮލަރު) ނުވަތަ 10،167،948ރ (ދިހަ މިލިއަން އެއްލައްކަ ފަސްދޮޅަސް ހަތްހާސް ނުވަސަތޭކަ ސާޅީސް އަށް ދިވެހި ރުފިޔާ) ދައުލަތަށް ލިބިފައިވެއެވެ.