ޢުންޞުރުގެ 3 ވަނަ ޢަދަދު

16 ޖޫން 2023

ޕްރޮސިކިއުޓަރ ޖެނެރަލްގެ ގަލަމުން

ޕީޖީ އޮފީހުގެ ލިޔުންތައް އާކައިވްކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަމުގެ ޤާނޫނީ ސަބަބުތަކެއްވެސް ހުރެއެވެ. އާކައިވްސް މަސައްކަތް މާލޭގައި ކުރާންޖެހޭ ޚާއްޞަ ސަބަބެއް ނެތެވެ. ރާއްޖޭގައި ދަތުރުފަތުރާއި އިންޓަރނެޓް ތަރައްޤީވެފައިވާ ގޮތުން، ކޮންމެ ރަށަކަށްވެސް ދާދި ފަސޭހައިން ދަތުރުކުރެވެއެވެ. ޚާއްޞަކޮށް، އެއައޕޯޓު އޮތް، ބޮޑެތި އާބާދީތަކެވެ. މިވިސްނުމުގައި، ޕީޖީ އޮފީހުގެ މަރުކަޒީ އާކައިވްސް، ލާމަރުކަޒީ އުޞޫލުން ފުވައްމުލަކު ސިޓީއަށް މިހާރު ވަނީ ބަދަލު ކުރެވިފައެވެ.

މިބަދަލާއެކު، އާކައިވްސްގެ މަސައްކަތް ކުރާނީ ފުވައްމުލަކު ސިޓީގައި ތިބޭ، އެރަށަށް ނިސްބަތްވާ، ފަންނީ ގޮތުންނާއި ޕްރޮފެޝަނަލްގޮތުން މޮޅު މުވައްޒަފުންނެވެ.

ހަފްތާއަކު 4 ދުވަހު މަސައްކަތްކުރުން

ޕީޖީ އޮފީހުގެ އަމާޒަކީ، ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. މިތަޞައްވަރު ޙާޞިލުކުރުމަށްޓަކައި، މަސައްކަތުގެ މާޙައުލަކީ ރައްކާތެރި، އެއްބާރުލުންލިބޭ، އުފާވެރި، ހިތްހަމަޖެހޭ މާޙައުލަކަށް ހަދަންޖެހެއެވެ. މަސައްކަތުގެ މާޙައުލު ފަހިކުރުމަށް ތަފާތު ސިޔާސަތުތަކެއް އެކުލަވާލާފައިވެއެވެ. އެގޮތުން، ކޮންމެ އަހަރަކު ދެ ފަހަރު، ހަފްތާއަކު 5 ދުވަހު މަސައްކަތްކުރުމުގެ ބަދަލުގައި، 4 ދުވަހު މަސައްކަތްކުރާ އިންތިޒާމެއް ތަޖުރިބާކުރަމުން އެބަ ގެންދަމެވެ.

މިތަޖުރިބާގެ ސަބަބުން ޢާއިލީ ގުޅުންތައް ރަނގަޅުވެ، އިޖްތިމާޢީ އަދި ރޫޙާނީ ދުޅަހެޔޮކަން އިތުރުވެ، މަސައްކަތުގެ އަޚްލާޤާއި މަސައްކަތްކުރާ ހިތްވުން އިތުރުވެފައިވާކަމަށް މުވައްޒަފުން ރިޕޯޓްކޮށްފައިވެއެވެ. ފީޑްބެކް ފޯމް ފުރުއްވި ހުރިހާ މުވައްޒަފުންވެސް، މިއީ ދާއިމީ ކަމަކަށް ހެދުމަށް އެދިވަޑައިގަތެވެ.

ޖަމާޢަތް ހަދައިގެން މީހަކު މެރުން

ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ޢަބްދުﷲ ނަޡީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ ޚުލާޞާއަކީ، ޖަމާޢަތެއް ހަދައިގެން މީހަކު މަރާ ޙާލަތުގައި އެއިން ކޮންމެ މީހަކު ވަކިވަކިން ކުރި ޢަމަލަށް ބަލާއިރު އެ ޢަމަލަކީ މީހަކު މަރުވާފަދަ ޢަމަލެއްނަމަ، އެމީހެއްގެ ކިބައިން ޤިޞާޞް ހިފޭނެއެވެ. އަދި ހަމައެހެންމެ މަރުވީ އެތަނުން ކޮންމެވެސް އެކަކު ޤަޞްދުގައި ޢުދުވާނީ ގޮތުން ކުރި ކަމަކުންކަމަށްވެފައި އެކަން ކުރި މީހަކު ވަކިކޮށް ބުނެދޭން ނޭގޭނަމަ އެ އެންމެންގެ ކިބައިންވެސް ޤިޞާޞް ހިފޭނެއެވެ.

ޗެކް ބައުންސްވުމުން ޖިނާއީ ދަޢުވާކުރާނެތަ؟

ޗެކް ބައުންސް މައްސަލަތަކަކީ އޭގެ ޠަބީޢަތުގައި މަދަނީ މައްސަލަތަކެކެވެ. ޢާންމު އުޞޫލަކީ މަދަނީ ކަންކަމުގައި ޖިނާއީ ދަޢުވާ ނުކުރުމެވެ. ވަރަށް ޚާއްޞަ، އާދަޔާ ޚިލާފު ޙާލަތްތަކުގައި މެނުވީއެވެ. އެހެންކަމުން، ޗެކް ބައުންސްވުމަކީ ޤާނޫނުލްޢުޤޫބާތުގައި ތަޖުރީމު ކޮށްފައިވާ ކުށެއް ނަމަވެސް، އެފަދަ މައްސަލަތަކުގައި ޖިނާއީ ދަޢުވާކުރުމުގައި ޚާއްޞަ އުޞޫލެއް މި އޮފީހުން އެކުލަވާލައި މިދަނީ ޢަމަލުކުރަމުންނެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އޮންލައިން ޚިދުމަތްތައް

މި ވެބްސައިޓަކީ މިއޮފީހަށް ޢާންމުންނާއި ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީއާއި ލިޔުންތައް ބަލައިގަނެ، ސިޓީގެ ޖަވާބު ފޮނުވުމަށް ގާއިމުކޮށްފައިވާ ވެބްސައިޓެކެވެ. ވެބްސައިޓު މެދުވެރިކޮށް، ސައުވީސްގަޑިއިރު، މެދުނުކެނޑި، ޕީޖީ އޮފީހަށް ސިޓީބިޓީ ބަލައިގަންނަމުންދާނެއެވެ. ސިޓީއަށް ޖަވާބު ތައްޔާރުވުމުން ޓެކްސްޓް މެސެޖެއް ލިބިވަޑައިގަންނަވާނެއެވެ. ސިޓީގެ ޖަވާބު ޕްރިންޓް ކުރައްވަން ބޭނުންފުޅުނަމަ، ޕްރިންޓްވެސް ކުރެއްވޭނެއެވެ. މީގެއިތުރުން، މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ، ނުވަތަ ދަޢުވާކުރެވޭ މައްސަލައެއްގައި ނަޞޭޙަތުގެ އެއްބަސްވުމެއް، ނުވަތަ އިޢުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދޭނަމަ، އެކަމަށް އެދޭ ފޯމުތައްވެސް މިވެބްސައިޓުގެ ތެރެއިން ފުރައި ހުށަހެޅޭނެއެވެ. އެފޯމުގެ ޖަވާބު މިވެބްސައިޓުގެ ތެރެއިން މުޢާމަލާތުކުރެވެމުން ދާނެއެވެ.

ޑިއުޓީ ޕްރޮސިކިއުޝަން

ޑިއުޓީ ޕްރޮސިކިއުޝަންއަކީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާތަކުން، ދަޢުވާކޮށްދިނުމަށް ހުށަހަޅާ މައްސަލަތައް މި އޮފީހަށް ބަލައިގަތުމުގެ ކުރިން، ކުރިއަށް ގެންދެވޭ މަރުޙަލާއެކެވެ. ޑިއުޓީ ޕްރޮސިކިއުޝަން ތަޢާރަފު ކުރުމުގެ ކުރިން މި އޮފީހަށް މައްސަލައެއް ހުށަހެޅުމުން މައްސަލަ ބަލައިގަނެއެވެ. ދިރާސާކުރަނީ އެއަށްފަހުގައެވެ. ދިރާސާކުރުމަށްފަހު، އިސްލާޙްކުރަންޖެހޭ ކަންތައްތަކެއް ހުރިނަމަ، އިސްލާޙްކުރުމަށް ހުރި ކަންކަން ފާހަގަކުރުމަށްފަހު އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވަނީއެވެ. މިގޮތަށް މަޝްވަރާކުރުމާ ނުލައި ސިޓީބިޓީން މައްސަލަތައް ބަލައިގަނެ، އިދާރާތަކުގެ މެދުގައި ބަދަލުކުރުމަށް އެތައް ވަގުތެއް ހޭދަވެ، މައްސަލަތައް ދިގުލައިގެންދެއެވެ. ޑިއުޓީ ޕްރޮސިކިއުޝަންއަކީ އެކަން ޙައްލުކުރުމަށް ތަޢާރަފުކުރި ނިޒާމެކެވެ.

ޝަރީޢަތަށް ހުށަހަޅާ ހެކިންނަކީ އެންމެ ފުރިހަމަ ބަޔަކަށް ވާންޖެހޭތަ؟

ހެއްކާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން، ޢަދުލުވެރިކަމަކީ ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠެކެވެ. ނަމަވެސް ކޮންމެ ކަމެއް ހިނގާތަން ދެކޭނެ ނުވަތަ އަޑުއިވޭނެ ފުރިހަމަ ހެކިން ނުތިބޭނެކަން އެ ޤާނޫނު ޤަބޫލުކުރެއެވެ. އެގޮތުން، ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން، ވަކި ކަމަކާ ގުޅޭގޮތުން ހެކިބަސް ދޭނެ އެހެން މީހަކު ނެތްނަމަ، ޢަދުލުވެރިކަން ގެއްލިފައިވާ މީހެއްގެ ހެކިބަސް ބަލައިގަނެވެއެވެ. ނަމަވެސް އެ ހެކިބަހަށްދެވޭ ބުރަދަން ކުޑަވެއެވެ. އަދި އެ ހެކިބަހުން ޝަރީޢަތަށް ކަމެއް ސާބިތުވުމަށް އިތުރު ހެކީގެ އެހީތެރިކަން ބޭނުންވާނެއެވެ.

ތަފާސްހިސާބަށް ބަރޯސާވެ ނިންމުންތައް ނިންމުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ "އާމަހި" (ޢާންމުކުރާ މަޢުލޫމާތާއި ހިސާބު) ވެބްސައިޓަކީ، ތަފާސްހިސާބު އެއްކޮށް، އެއްތަނަކުން މުހިންމު މަޢުލޫމާތު ލިބެންހުންނާނޭ ވެބްސައިޓެކެވެ. މީގެ ބޭނުމަކީ، ކުށުގެ ޓްރެންޑުތައް ދެނެގަނެ، އެ ކަންކަމަށް ތައްޔާރުވުމެވެ. އަދަދުތަކަށް ބަލައިގެން ސިޔާސަތުތައް ބައްޓަންކޮށް، ހަރުދަނާ ފިޔަވަޅު އެޅުމެވެ.

އިންތިޚާބުތަކާ ގުޅިގެން އުފަންވާ ޖިނާއީ ކުށްތައް

ވޯޓު ލުމުގެ ޙައްޤަކީ ޤާނޫނުއަސާސީ ތަޞައްވުރު ކުރާ ގޮތަށް ރައްޔިތުންގެ ވެރިކަމެއް ހިނގުމާ ގުޅުންހުރި އެންމެ އަސާސީ އެއް ޙައްޤެވެ. ވޯޓު ލުމުގެ ޙައްޤުގެ އެންމެ އަސާސީ ކަމަކީ އެ މީހަކު އިޚްތިޔާރުކުރާ ކެނޑިޑޭޓަކަށް އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއް، ނުފޫޒެއް ނެތި ވޯޓުލުމުގެ ފުރުޞަތު ފަހިވެފައި އޮތުމެވެ. މިއީ އެންމެންގެ ޙައްޤެކެވެ. މި ޙައްޤުގެ މައްޗަށް ސިޔާސީ ނުވަތަ އިޤްތިޞާދީ ނުފޫޒުތައް ކުރިމަތިކުރުވުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

އިންތިޚާބުތަކަކީ މިނިވަން، އިންސާފުވެރި، ހާމަކަމާއެކު ހިންގޭ އިންތިޚާބުތަކަކަށް ހެދުމަށްޓަކައި ޤާނޫނުގައި މިކަން ކުރާނެގޮތުގައި އިޖުރާއަތްތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އިންތިޚާބީ ޝަކުވާތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާއި، އިންތިޚާބީ ކުށްތައް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ކަނޑައަޅުއްވާފައިވެއެވެ. ކުށުގެ ކުޑަ ބޮޑުމިނަށްބަލައި ޖިނާއީ ތަޙުޤީޤު ހިންގައި، ޖަލު އަދަބު ކަނޑައެޅުމުގެ ފުރުޞަތުވެސް އޮވެއެވެ.

ރިޔާސީ އިންތިޚާބުގެ މި ދަނޑިވަޅުގައި، ޤާނޫނުގައި ކަނޑައަޅުއްވާފައިވާއ އިންތިޚާބީ ކުށްތަކާމެދު ސަމާލުވާންޖެހެއެވެ.