• 14 އޮގަސްޓް 2023

    ރައީސް ޔާމީންގެ ޖޫރިމަނާ އަދަބު ތަންފީޛްކުރުން ފަސްކުރި އަމުރާ ގުޅޭ

    ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަރު ހިފުމާއި މަނީ ލޯންޑްރިނގްގެ ކުށް ސާބިތުވެ, މއ. ކާމިނީހުޅަނގުގެ, ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން  ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޚުކުމް ކުރައްވާފައިވަނިކޮށް އެ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރަށް އެދި 07 އޮގަސްޓް 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

    އެ އަމުރާ ގުޅިގެން މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތުކޮށްފައިވާނީ ޖިނާއީ ޙުކުމެއްގެ އަދަބާމެދު ޢަމަލުކުރުމަށް ޤާނޫނު ދަންނަނީ އެއް އުޞޫލުތަކަކަށް ކަމަށްވާތީ, ޖަލު އަދަބުވެސް ޖޫރިމަނާ އަދަބުވެސް ތަންފީޛްކުރުން ފަސްކުރާނެ ތަނެއް ނެތް ކަމަށެވެ.

    ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ ޖަލު އަދަބު ތަންފީޛްކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. ނަމަވެސް ޖޫރިމަނާ އަދަބު ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ.

    ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ އަމުރަކީ ވަގުތީ އަމުރެއްކަމަށްވެފައި, ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް 16 އޮގަސްޓް 2023 އަށް ތާވަލުކުރެވިފައިވާތީ, އިސްިތިއުނާފީ މައްސަލައާމެދު ގޮތެއް ނިމުމުން ވަގުތީ އަމުރުވެސް ނިމުމަކަށް އަންނާނެތީ, ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރު އިސްތިއުނާފު ނުކުރުމަށް ނިންމައިފީމެވެ.