• 03 އޮގަސްޓް 2026

    ރައްޔިތުންގެ މަޖިލިސްގެ މާލިއްޔަތު ކޮމިޓީގެ "ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫސިޓީގައި ހިންގާ ބްރާންޗްތަކާއި، ޕްރޮޖެކްޓްތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓް (2021-2023) ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް" އާ ގުޅޭ

    ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫސިޓީގައި ހިންގާ ބްރާންޗްތަކާއި، ޕްރޮޖެކްޓްތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓް (2021-2023) ގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މުޢާމަލާތްތަކުގެ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމަށް، އިސްވެ ދެންނެވުނު މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ލަފާދެއްވާފައިވެއެވެ. އަދި މިކަން 29 ޖުލައި 2026 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެންނަވާފައިވެއެވެ. 

    އެ މައްސަލަތަކުގެ ތަޙުޤީޤު ހިނގަމުންދާ ގޮތް ބަލައި ތަޙުޤީޤު އަވަސްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެ އޮޑިޓް ރިޕޯޓާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ މައްސަލަތަކުގެ މަޢުލޫމާތު 13 އޮގަސްޓު 2026 ގެ ކުރިން މި އޮފީހާ ޙިއްޞާކުރުމަށާއި، އެ ރިޕޯޓާ ގުޅިގެން ތަޙުޤީޤު ކުރިއަށްދާ މައްސަލަތައް އެ ތާރީޚްގެ ކުރިން ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހެޅުމަށް މިއަދު، 3 އޮގަސްޓު 2026 ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ދަންނަވައިފީމެވެ.

    އެ މައްސަލަތަކުގެ މަޢުލޫމާތު ލިބި، މައްސަލަތައް ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހެޅުމުން ތަޙުޤީޤު އަވަސްކުރުމަށް އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މި އޮފީހުން އަޅާނަމެވެ.