• 17 މާރިޗު 2026

    ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ އެފް.އޭ.އެމްގެ 1 މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުން

    ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން ކަނޑައެޅިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ގެ އަމީން އެވެނިއު A1205 އަދި A1206 އެޕަރޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާކަމަށާއި، އެ ފައިސާއަކީ އެފް.އޭ.އެމްއާއި އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ ދެމެދު ކުރެވުނު ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް ސާބިތުވާކަމަށް ނިންމާފައިވެއެވެ.  

    ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ހެކި ވަޒަންކޮށްގެންކަމަށް މި އޮފީހުން ދެކޭތީއާއި، މި ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް މި އޮފީހުން ދެކޭތީ، އެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފީމެވެ.

    މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ، ދަޢުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ ހެކިބަސް ނަގައި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަންކޮށް، މި 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކާ ގުޅޭ މުޢާމަލާތަކީ މަނީ ލޯންޑްރިންގގެ ޢަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ. 

    ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށުގެ މި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް މި އިސްތިއުނާފާ ގުޅިގެން އަސަރެއް ނުކުރާނެއެވެ. ސަބަބަކީ، ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ސާބިތުވެފައިވާ ދަޢުވާގައި އެފް.އޭ.އެމްގެ އެހެން ޗެކްތަކާއި ފައިސާ ހިމެނޭއިރު، އެ ފައިސާ ލޯންޑަރކޮށްފައިވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް މި އިސްތިއުނާފުގައި ތަޢުނުކޮށްފައިނުވާނެތީއެވެ. 

    މި 1000،000 USD (އެއްމިލިއަން ޑޮލަރު) ގެ ޗެކާ ގުޅިގެން އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ގެ މައްޗަށް އުފުލި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް އެ ކޯޓުން ނިންމި ނިންމުން 2 މާރިޗު 2026 ގައި މި އޮފީހުން ވާނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.