• 28 ފެބުރުވަރީ 2026

    3 އޮކްޓޫބަރު 2025 ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ބައެއްގެ މައްޗަށް ދަޢުވާކުރުން

    3 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި،

    1. ޢަބްދުއްސަލާމްއާއި،

    2. މުޙައްމަދު ޙަމާއިދު ޢަބްދުލްޣަނީއާއި، 

    3. ޢަލީ ނައުފަލްއާއި،

    4. މަޢުރޫފް ޛާކިރުއާއި،

    5. ޢާއިޝަތު ނަޖުދާ ޢަލީއާއި،

    6. ޢަލީ މުޢައްވަޒްއާއި،

    7. ފާޠިމަތު ޒަހިއްޔާއާޢި،

    8. ޙުސައިން ރަޝީދުގެ މައްޗަށް، 

    ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ 26 ފެބްރުވަރީ 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ. 

    މި މައްސަލާގައި އިތުރު 7 މީހަކަށް ތުހުމަތުކުރެވެއެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤާރީނާ ލިބިފައި ނުވާތީއާއި، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު ނެތުމުން އެ މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާނެއެވެ. 

    މުޒާހަރާއާ ގުޅުންހުރި މައްސަލަތަކުގައި ދަޢުވާކުރުމުގައި މި އޮފީހުން ހިފަހައްޓާ ހަމައަކީ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ހެކި، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ޙާލަތެއް ކުރިމަތިކުރުވާފައިވާކަމުގެ ހެކި ލިބިފައިވާނަމަ، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު އޮތްކަމަށް ބަލައި ދަޢުވާ ކުރުމެވެ.