-
31 ޑިސެންބަރު 2025
ކޭ-ޕާކް ރެޒިޑެންސް އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއިޙީލަތުން އެކި މީހުންނަށް ވިއްކައި، މަނީ ލޯންޑަރކުރި މައްސަލަ ސާބިތުވާކަމަށް ޙުކުމްކުރުން
މއ. އެރަލްސީ، ޙަސަން މަމްދޫޙްއާއި، ރ. އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދު ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާގެ ސޮއި ފޯޖުކޮށްގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި، ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއިޙީލަތުން އެކި މީހުންނަށް ވިއްކައި، ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ މައްސަލާގައި ޓެކުމާއި، އޮޅުވާލުމާއި، ޞައްޙަނޫން ލިޔުން ދިނުމާއި، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރި 199 (ސަތޭކަ ނުވަދިހަ ނުވަ) ދަޢުވާ 12 ޑިސެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
އެ ދަޢުވާތަކުގެ ތެރެއިން 183 (ސަތޭކަ އައްޑިހަ ތިނެއް) ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި 31 ޑިސެންބަރު 2025 ދުވަހު ކޯޓުން އަދަބު ކަނޑައަޅުއްވާފައިވެއެވެ.
ޙަސަން މަމްދޫޙްގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު:
ދަޢުވާ
ދަޢުވާގެ ޢަދަދު
އަދަބު
ޓެކުން
46 ދަޢުވާ
364 އަހަރަށް ޖަލަށްލުން
އޮޅުވާލުމުގެ ޢަމަލެއް ކުރުން
44 ދަޢުވާ
13 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުން
މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން
3 ދަޢުވާ
1 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުން
މަނީ ލޯންޑްރިންގ
1 ދަޢުވާ
15 އަހަރަށް ޖަލަށްލުމާއެކު، 30 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
393 އަހަރާއި، 7 މަހާއި، 6 ދުވަހަށް ޖަލަށްލުމާއެކު، 30 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
ޖައިޝާން ސަޢީދުގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު:
ދަޢުވާ
ދަޢުވާގެ ޢަދަދު
އަދަބު
ޓެކުމުގައި ބައިވެރިވުން
45 ދަޢުވާ
140 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުން
އޮޅުވާލުމުގެ ޢަމަލެއް ކުރުން
40 ދަޢުވާ
12 އަހަރާއި 4 މަހާއި 18 ދުވަހަށް ޖަލަށްލުން
މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން
3 ދަޢުވާ
1 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުން
މަނީ ލޯންޑަރކުރުމަށް އެހީތެރިވުން
1 ދަޢުވާ
5 އަހަރަށް ޖަލަށްލުމާއެކު، 300 ހާސް ރުފިޔާއިން ޖޫރިމަނާކުރުން
159 އަހަރާއި، 7 މަހަށް ޖަލަށްލުމާއެކު، 300 ހާސް ރުފިޔާއިން ޖޫރިމަނާކުރުން
ދައުލަތަށް ނަގާ މުދާ:
މި މައްސަލާގައި ޙަސަން މަމްދޫޙްގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވެފައިވާތީ، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ ނަންބަރު: 02-13 އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް ޕާކިންގ ސްލޮޓް ދައުލަތަށް ނެގުމަށް އަމުރުކުރައްވާފައިވެއެވެ.
މި މައްސަލާގައި ޙަސަން މަމްދޫޙްއާއި، ޖައިޝާން ސަޢީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރެއިން 16 (ސޯޅަ) ދަޢުވާއެއް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އެ ދަޢުވާތައް ސާބިތުނުވާކަމަށް ނިންމަވާފައިވަނީ އެ ދަޢުވާތަކާ ގުޅިގެން ބަދަލު ލިބޭ ފަރާތްތަކުން ހެކިބަސްދޭން ކޯޓަށް ޙާޟިރުވެފައިނުވާތީއެވެ.