-
18 ނޮވެންބަރު 2025
3 އޮކްޓޫބަރު 2025 ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަ
3 އޮކްޓޫބަރު 2025 ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި މީހުންގެ މައްޗަށް ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ މާއްދާގެ ދަށުން ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި، 533 ވަނަ މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކުރުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މައްސަލަ މި އޮފީހަށް ހުށަހަޅާފައިވެއެވެ.
1. ޙުސައިން ޝާކިރު
2. ޔަޢުޤޫބު ޢަބްދުﷲ
3. ޔާސިރު ޢަބްދުއްލަޠީފް
4. ޙަސަން ޞަލާޙް
5. ޢަޒީމް ޢަލީ
6. ޢަލީ ޖުމާން
7. މުޙައްމަދު ޚަލަފް އިބްރާހީމް
މި މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ބެލިއިރު، ތުހުމަތުކުރެވޭ ޢަމަލުތައް އެމީހުން ހިންގާފައިވަނީ އަސާސީ ޙައްޤެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީއާއި، މި މީހުންގެ ޢަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ، މި މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މަޞްލަޙަތު އޮތް ކަމަށް މި އޮފީހަށް ނުފެންނާތީ، މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމާފައިވާނެއެވެ.
3 އޮކްޓޫބަރު 2025 ދުވަހު މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެ ބައިގެ ތަޙުޤީޤު ނިމުމުން ދަޢުވާކުރުމާމެދު ގޮތެއް ނިންމާނަމެވެ.