• 30 އޮކްޓޫބަރު 2025

    ކިންގްސްއިން ހިންގި އިންވެސްޓްމެންޓް ސްކީމާ ގުޅިގެން ކުރި ދަޢުވާތަކުގައި ބަދަލުލިބެންޖެހޭ މީހުންނަށް ބަދަލު ދީފައިވާތީ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމުން

    ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ދިވެހިރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ޤާނޫނާއި ޤަވާއިދާއި އުސޫލުތަކާއި ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް، އިންވެސްޓަރުންނަށް މަންފާލިބޭނެކަމަށް ދައްކައި މަކަރާއި ޙީލަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީއާއި، މ. ފިނިވާގެ، 2 ނަންބަރުބައި، ޞަޙުބާން ފަހުމީ އަދި މ. ފިނިވާގެ 2 ނަންބަރުބައި، އަލްހާން ފަހުމީގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ 23 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.

    މި ދަޢުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ދަޢުވާލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 (ތޭރަ) ފަރާތަށް ބަދަލުދީ ޚަލާޞްކޮށްފައިވާކަމަށް ބަޔާންކޮށް، ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ދަޢުވާލިބޭ ފަރާތްތަކުން މި އޮފީހުގައި އެދިފައިވެއެވެ. އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލުލިބޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވެއެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

    މިއާއެކު، މި މައްސަލާގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް، ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީއާއި، މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވުމުން، މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދަޢުވާތައް (ޓެކުމުގެ ކުށުގެ 13 ދަޢުވާ) އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ، އެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވާނީ ނިންމާފައެވެ. 

    ނަމަވެސް، މި މައްސަލާގައި  ބަދަލުލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެ ބައިތަކުގެ ތަޙުޤީޤު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިތަކުގައި ދަޢުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނަމެވެ. 

    އެހެންކަމުން، މި މައްސަލާގައި ބަދަލުލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި އެބަ ކުރިއަށްގެންދަމެވެ.