-
15 އޮކްޓޫބަރު 2025
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑު މައްސަލައެއްގެ އިސްތިއުނާފު ރަޖިސްޓްރޭޝަން ފީ މި އޮފީހުން ނުދެއްކިކަމަށް ބުނާ މައްސަލަ
ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާގޮތަށް މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީކަމަށް ބުނެ ރަޖިސްޓްރަރގެ ނިންމުމުން މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވެއެވެ.
މިއީ 2020 ވަނަ އަހަރުގެ ނޮވެންބަރު އަދި ޑިސެންބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޢިރުފާން ތަޤިއްޔުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތު ނުވާކަމަށް އެ ކޯޓުން ޙުކުމްކުރުމުން މި އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.
މި އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމަށް ނިންމައި، އިސްތިއުނާފު ރަޖިސްޓްރީކުރުމަށްޓަކައި ދަންކަންޖެހޭ ފީ ދެއްކުމަށް އަންގާ ލިޔުން 5 އޮކްޓޫބަރު 2025 ގައި މި އޮފީހަށް މެއިލްކުރިކަމަށް ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުމުގައި ބަޔާންކޮށްފައިވީނަމަވެސް، އީމެއިލް މި އޮފީހުގެ ކަނޑައެޅިފައިވާ އީމެއިލްއަށް ލިބިފައިނުވެއެވެ.
އެފަދަ ލިޔުންތައް މިއޮފީހަށް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރިނަމަވެސް، ޢިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާ އިސްތިއުނާފު މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަން ފާހަގަވެއެވެ.
އެހެންކަމުން މި ނިންމުން މުރާޖަޢާކުރުމަށް މި އޮފީހުން ހުށަހަޅާނަމެވެ. އަދި މި ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖަޢާކުރަންޖެހޭ ނިންމުމެއްކަމަށް ދެކެމެވެ.