• 01 ސެޕްޓެންބަރު 2025

    ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލުން

    މި އަހަރުގެ މޭ މަހުގެ 10 އިން 12 އަށް ވިލާ ނޯޓިކާގައި ކުރިއަށްގެންދިޔަ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 

    މި ކޮންފަރެންސްއަކީ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑު  (ޔުނިސެފް) ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު މި އޮފީހުން ރާވައި އިންތިޒާމުކުރި ކޮންފަރެންސްއެކެވެ. 

    މި ކޮންފަރެންސްގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކުން ބައިވެރިވެފައިވެއެވެ. މި ކޮންފަރެންސްގެ މައިގަނޑު ބަޔަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކުން މި ކޮންފަރެންސްއަށް ތައްޔާރުކޮށްފައިވާ ދިރާސީ ކަރުދާސްތައް ހުށަހަޅައި، އެ ކަރުދާސްތަކާމެދު މަޝްވަރާކުރުމެވެ. 

    މިއަދު މި ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި މި ދިރާސީ ކަރުދާސްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "މަލްޓި-އިންސްޓިޓިއުޝަނަލް ރިސާރޗް އިންޓު ޖުވެނައިލް ޖަސްޓިސް" ފޮތް ރަސްމީކޮށް ޝާއިޢުކޮށްފައިވާނެއެވެ.

    މި ފޮތް ނެރުއްވައިދެއްވީ ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އެޑްވާރޑް އެޑާއިއެވެ. 

    މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދެވެ. 

    ކޮންފަރެންސާ ގުޅޭ އެންމެހައި މަޢުލޫމާތު، ކޮންފަރެންސް ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ. އަދި ދިރާސީ ކަރުދާސް ފޮތް މި އޮފީހުގެ "ލެތުން" ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެއެވެ.