• 18 ސެޕްޓެންބަރު 2025

    ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓު ދިނުމުގައި އުޞޫލާ ޚިލާފަށް ޢަމަލުކޮށްފައިވާ މައްސަލަ

    މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން 27 ޖޫން 2022 ދުވަހު ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި ޢިއުލާނާއި، "ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު" އާ ޚިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުޠު ފުރިހަމަނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ކުރުމަށް 10 ސެޕްޓެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
     
    ދަޢުވާ: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
     
    ދަޢުވާލިބޭ ފަރާތްތައް:
    1. މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމާއި، ގެދޮރުވެރިން ކޮމިޓީގެ ޗެއަރމަންގެ މަޤާމުގައިހުރި މއ. އެވަރލާސްޓް، އަކްރަމް ކަމާލުއްދީން.
    2. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު، ހއ. އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފް.
    3. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމް.
    4. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. ވިރާޙް، ޟިރުޣާމް ވަޙީދު.
     
    މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި، ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ތަޙުޤީޤުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަޙުޤީޤު އަވަހަށް ކުރިއަށްގެންގޮސްފައިވާ މައްސަލައެކެވެ. 
     
    މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް މި އޮފީހުގެ ލަފާއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެބައިތައް އެކަށީގެންވާ ވަރަށް ތަޙުޤީޤުކުރެވުމުން، ދަޢުވާކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ.
     
    * މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.