• 16 ފެބުރުވަރީ 2025

    ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅި ބައެއްގެ މައްޗަށް ދަޢުވާކުރުން

    11 ޑިސެންބަރު 2024 ދުވަހު ހުޅުމާލެ ނިރޮޅުމަގު އެމް.ޑަބްލިޔު.އެސް.ސީ ކައިރީގައި ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ ބައިވެރިންތަކެއް އެސަރަހައްދު މަގު ބަންދުކޮށް، އާންމު ދަތުރުފަތުރަށް ހުރަސްއަޅައި އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ސަރަހައްދުގެ އަމަން ނަގާލަން އުޅުނުކަމަށް ތުޙުމަތު ކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 5 ފެބްރުވަރީ 2025 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފީމެވެ. 

    1. މއ. ވިރާޙު، މުޙައްމަދު ޝާމިން

    2. މއ. ނަހީދީމަންޒިލް، މިޞްބާޙް ޝަރީފް

    3. ހދ. ކުމުންދޫ، ހޮލިޑޭވިޖެލް، ނުޢުމާން އަޙްމަދު

    މި 3 (ތިނެއް) މީހުންގެ މައްޗަށް، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ.

    ދަޢުވާކުރާ ސަބަބު: މުޙައްމަދު ޝާމިންއާއި، މިޞްބާޙު ޝަރީފާއި، ނުޢުމާން އަޙްމަދު، އިތުރު ބަޔަކާއެކު، 11 ޑިސެމްބަރ 2024 ދުވަހު 20:50 އެހައިކަށްހައިއިރު، ކ.ހުޅުމާލެ ނިރޮޅުމަގު އެމް.ޑަބްލިއު.އެސް.ސީ ކައިރިން އުޅަނދުތަކަށް ނުދެވޭނެހެން ކާރުތަކެއް ބޭނުންކޮށްގެން އެ މަގު ބަންދުކުރުމުގައި ބައިވެރިވެ، މި މީހުން ޓެކްސީ ކުރުމަށް ބޭނުންކުރާ ކާރުތައް ނިރޮޅުމަގުގައި ހުރަހަށް ބާއްވައި، އެ މަގުގެ އެއް ލޭނު ބަންދުކޮށްފައިވާތީއާއި، ދިވެހި ފުލުހުންގެ ޚިދުމަތުން އެ ސަރަހައްދަށް ހާޟިރުވެ، މަގު ބަންދުކޮށްގެން ތިބި ފަރާތްތަކަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ނަސޭހަތްތެރިވެ އެންގުމުން އެކަމަށް އިންކާރުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި، އާންމުންނަށް މަގުތައް ނުރައްކާތެރިކަމެއް ނެތި ބޭނުންކުރެވޭނެކަން ކަށަވަރުކުރުމާއި، މަގުތައް ބޭނުންކުރުމުގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް އުޅަނދުތަކާއި މަގުމަތި ބޭނުންކުރާ މީހުން ޢަމަލުކުރޭތޯ ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އޮންނަ ޒިންމާއަށް ހުރަސްއަޅައި، ހުޅުމާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހުރަސްއަޅާފައިވާތީ. 

    އަސާސީ އަދަބު: 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

    * މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.