-
26 ޖަނަވަރީ 2025
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ ތަޙުޤީޤުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިނގާ ޖިނާއީ ތަޙުޤީޤުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވެއެވެ.
މިކަން ޕްރޮސިކިއުޓަރ ޖެނެރަލް ބެއްލެވިއިރު، ދިވެހި ދައުލަތާއި ޢާންމު ރައްޔިތުންގެ މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ހިމެނޭގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ޖިނާއީ ތަޙުޤީޤުތައް ލަސްވެ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި ޢާންމު ރައްޔިތުންގެ މަސްލަޙަތުތަކަށް އުނިކަން އަންނަމުންދާކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވެއެވެ.
މި ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި، އެ މާއްދާގެ (ފ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް މިއަދު (26 ޖަނަވަރީ 2025، އާދީއްތަ) އިން ފެށިގެން ޢަމަލުކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މައްސަލައާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު، ޚާއްޞަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މި އޮފީހަށް ހުށަހެޅުމަށް އަމުރުކުރައްވާފައިވެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްސަލަތައް އަވަސްކޮށް، ހަރުދަނާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ނެރުއްވާފައިވާ އިރުޝާދަކީ އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ ހުރިހާ މައްސަލަތައް މި އޮފީހަށް ހުށަހެޅުމުގައި، މިއަދު (26 ޖަނަވަރީ 2025، އާދީއްތަ) ދުވަހުން ފެށިގެން ޢަމަލުކުރަންޖެހޭނެ އިރުޝާދެކެވެ. މި އިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމުގެ އިތުރުން، ތަޙުޤީޤުތަކުގެ މަރުޙަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުޤީޤުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި، ތަޙުޤީޤުގެ ކުރީ މަރުޙަލާއިން ފެށިގެން މި އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުމެވެ.