• 26 ޑިސެންބަރު 2024

    ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރާއި އިސް ވެރިއެއްގެ މައްޗަށް ދަޢުވާކުރުން

    2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 26 ޑިސެންބަރު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    1. ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން

    2. ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން

    މި ޢަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް 9 ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.