-
23 ސެޕްޓެންބަރު 2024
ޕްރޮސިކިއުޓަރ ޖެނެރަލް، ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފު، އޭ.ސީ.ސީގެ ރައީސް އާދަމް ޝާމިލްއާ ބައްދަލުކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލްއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އޭސީސީގެ ރައީސް ވަނީ ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރަމުންދާ މަސައްކަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ޕްރޮސިކިއުޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮރަޕްޝަން މައްސަލަތަކުގެ ތަޙުޤީޤުތައް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް، ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ކޮރަޕްޝަން މައްސަލަތަކުގެ ތަޙުޤީޤުތައް މިހާރަށްވުރެ އަވަސްކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ބާރުއެޅުއްވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކޮށް ހުށަހެޅި 5 މައްސަލައެއްގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވާނެއެވެ. އަދި މި އަހަރުގެ މިހާތަނަށް 85 މައްސަލައެއް އޭސީސީން މި އޮފީހުގެ މަޝްވަރާއަށް (ޑިއުޓީ ޕްރޮސިކިއުޝަނަށް) ހުށަހަޅާފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކުގެ ވެރިންނާ ގެންދަވަނީ ވަކިވަކިން ބައްދަލުކުރައްވަމުންނެވެ. އެގޮތުން އާދީއްތަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާ ބައްދަލުކުރައްވާފައިވެއެވެ. އަދި ބުރާސްފަތި ދުވަހު ދައުލަތުގެ ބަންޑާރަނާއިބާ ބައްދަލުކުރައްވާފައިވެއެވެ.