-
22 ސެޕްޓެންބަރު 2024
ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާ ބައްދަލު ކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ފޮލިސް ވަނީ އައު ޕްރޮސިކިއުޓަރ ޖެނެރަލަށް މަރުޙަބާ ދަންނަވައި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ޖިނާއީ ތަޙުޤީޤުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ. އަދި މައްސަލަތަކުގެ ތަޙުޤީޤު ނިމުމަށްފަހު، ދަޢުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަޞައްވުރު ގެންގުޅުއްވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. އެގޮތުން މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށްވުރެ ގިނަ މައްސަލައަކީ ފުލުހުން ތަޙުޤީޤުކޮށް ހުށަހަޅުއްވާ މައްސަލައެވެ.