• 23 ޖުލައި 2024

    އިންފޮމޭޝަން ކޮމިޝަނަރު ހުށަހެޅުއްވި މައްސަލައިގައި ޖިނާއީ ޢަމަލެއް ހިމެނޭތޯ ބަލަން ތަޙްޤީޤުކޮށްދެއްވުން އެދި ފުލުސް އޮފީހަށް ފޮނުވުން

    މަޢުލޫމާތޫ ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2014) ގެ 65 ވަނަ މާއްދާ (ނިންމުންތަކަށް ތަބާވުން) ގައި އޮތީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް ޢަމަލުވެސް ނުކޮށް ވަނިކޮށް، 45 ދުވަސް ފާއިތުވެއްޖެނަމަ، އެ ފަރާތަކާމެދު، ޤާނޫނީ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން ޢަމަލުކުރާ އުޞޫލުން ޢަމަލުކޮށްދިނުމަށްޓަކައި ޝަރުޢީ ކޯޓަށް ފޮނުވުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް، އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅިދާނެ ކަމަށެވެ.

    އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޝިފާން އަޙްމަދު ވ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މައްސަލައާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުން އިސްތިއުނާފު ނުކުރައްވައި، އަދި އެ ނިންމެވުމަށް ޢަމަލުވެސް ނުކުރައްވައި 45 ދުވަސް ފާއިތުވެފައިވާތީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން އެ އޮފީހުންވަނީ މައްސަލައިގެ ލިޔުންތަކާއެކު މި އޮފީހަށް ހުށަހަޅުއްވާފައިވެއެވެ.

    ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު: 12/2016) ގެ 5 ވަނަ މާއްދާ (ޖިނާއީ ކުށް ތަޙްޤީޤުކުރުން) ގެ (ހ) ގައި އޮންނަނީ، ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދަޢުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައސަލަ، އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤުކުރެވިފައި އޮންނަންވާނެކަމަށެވެ. މިމާއްދާގައި، ތަޙްޤީޤުކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ ގޮތަށް، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް، ޤާނޫނީ ގޮތުން ލިބިދޭ ޙައްޤުތައް ލިބިދީގެން ހިންގާ ތަޙްޤީޤެކެވެ. އެ ތަޙްޤީޤު ހިންގުމުގެ ބާރު، ޤާނޫނީ ގޮތުން ލިބިދެނީ ދިވެހި ފުލުހުންގެ ޚިދުމަތަށެވެ. 

    ވީމާ، އިންފޮމޭޝަން ކޮމިޝަނަރު ހުށަހެޅުއްވި މައްސަލައިގައި ޖިނާއީ ކުށުގެ ޢަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބައްލަވައި، ޤާނޫނުގައިވާ ގޮތުގެ މަތިން ތަޙްޤީޤު ކުރައްވައި، ތަޙްޤީޤުގެ ހޯދުންތަކާއެކު މިއޮފީހަށް ފޮނުއްވައި ދެއްވުން އެދި، މިއަދު، ދިވެހި ފުލުހުންގެ ޚިދުމަތުގައި މިއޮފީހުން ދަންނަވައިފީމެވެ.

    މިއީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރެއްގެ ބޭނުން ކުރައްވައިގެން ފޮނުއްވާފައިވާ މައްސަލައަކަށްވާތީ، ޢާންމު މައްސަލަތަކާ ޚިލާފަށް، މިމައްސަލަ ކުރިއަށްދާ ގޮތް ބަލަމުން ދިއުމަކީ މިއޮފީހުން ކުރަންޖެހޭނެ ކަމެއްކަމަށް ފެންނާތީ، މި ތަޙްޤީޤު ހިނގާގޮތް މިއޮފީހުން ދާނީ ގާތުން ބަލަމުންނެވެ. މިމައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނީ ތަޙްޤީޤުގެ ހޯދުންތަކަށް ބަލައި، އެކަމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އިޖުރާއަތުތަކުގެ ތެރެއިންނެވެ.