-
18 ޖުލައި 2024
ޖިނާއީ ޢަދުލުގެ ނިޒާމު ހިނގާނުހިނގާގޮތް، ދުވަހުން ދުވަހަށް ބެލޭ ވެބްސައިޓް - އާމަހި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އަސާސް ބިނާކުރަންވާނީ ހާމަކަމާއި ހަމަހަމަކަމާއި ޖަވާބުދާރީވުމުގެ މައްޗަށް ކަމަށް އޮވެއެވެ. މިއީ، ދުސްތޫރީ ހަމައަކަށްވުމުގެ އިތުރުން، ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހޭކަމެއްވެސްމެއެވެ. މިކަންކަން ދެނެގަނެ، މިއޮފީހުންކުރާ ހުރިހާ މަސައްކަތެއް، ވަގުތުން ވަގުތަށް ޢާންމުންނަށް ފެންނާނޭހެން، އާމަހި ގެ ނަމުގައި ވެބްސައިޓެއް ހަދައި، އެބަ ހިންގަމެވެ.
މިވެބްސައިޓުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހިނގާ ކަންކަން، ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ބެލޭނެ އިންތިޒާމު އެހުރީ ހަމައްސައިފައެވެ. މިވެބްސައިޓުގައި ހުރި މަޢުލޫމާތަކީ، މިއޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްއާ ގުޅުވާލެވިފައިވާ މަޢުލޫމާތަށްވާތީ، އެ މަޢުލޫމާތަކީ މިއޮފީހުގެ ވަކި މުވައްޒަފަކަށް ނުވަތަ މުވައްޒަފުން ތަކަކަށްވެސް ބަދަލު ގެނެވޭނެ މަޢުލޫމާތެއް ނޫނެވެ.
މިއޮފީހުގެ އެދުމަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ދިރާސާކުރާ މީހުންނާއި، ނޫސްވެރިންނާއި، ސިޔާސީ މުޙައްނިކުންނާއި، ތަފާތު މަޖާލުތަކުގައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ވާހަކަ ދައްކަވާއިރު، މިއޮފީހުން ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށްވެސް ކޮންމެވެސް ވަރަކަށް ބައްލަވައި ލައްވައި، ދިރާސާއެއް ހައްދަވައިގެން ވާހަކަފުޅު ދެއްކެވުމެވެ. މިއޮފީހަށް ކުރެވޭ ކަންކަމާއި ނުކުރެވޭ ކަންކަމުގެ މަޢުލޫމާތުވެސް އެހުރީ ފެންނާށެވެ. ޖަވާބުދާރީ ކުރުވޭނެ މަގު އެއޮތީ ތަނަވަސްކޮށްދީފައެވެ.
މިވެބްސައިޓުގައި ހުރި މަޢޫލޫމާތުތައް، ދިވެހި ބަހުންނާއި އިނގިރޭސި ބަހުންވެސް ބައްލަވައި ލެއްވޭނެއެވެ. ވަކި ދުވަސްވަރެއް ވަކިން ބައްލަވައި، ނުވަތަ ވަކ ބާވަތެއްގެ މައްސަލަތަކުގެ ޓްރެންޑު ބައްލަވަން ބޭނުންފުޅުނަމަ، އެކަމާބެހޭ ފިލްޓަރުތައްވެސް ހުންނާނެއެވެ.
ވެބްސައިޓުން ވަކި ކަމެއް ސާފުވެވަޑައިނުގަންނަވާނަމަ، [email protected] އަށް އީމެއިލު ކުރައްވަނިކޮށް، އެކަމެއްވެސް ސާފުކޮށްދެވޭތޯ ބަލާނަމެވެ.