• 06 ޖޫން 2024

    އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަން އިންޓެލިޖެންސް ޔުުނިޓުގެ މެމްބަރުކަން ދިވެހިރާއްޖެއަށް ލިބިފައިވާތީ މަރްޙަބާ ދެންނެވުން

    ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓުތަކުގެ ބައިނަލްއަޤްވާމީ ނެޓްވަރކ، އެގްމޮންޓް ގްރޫޕްގެ މެންބަރުކަން، ދިވެހިރާއްޖޭގެ ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އެމް.އެމް.އޭއަށާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް މަރްޙަބާ ދަންނަވަމެވެ. 

     

    އެގްމޮންޓް ގްރޫޕަކީ ދުނިޔޭގެ 174 އަށްވުރެ ގިނަ ޤައުމުތަކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުން ބައިވެރިވާ، މިދާއިރާގެ އެންމެ ބޮޑު، ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގެ މަޤްޞަދަކީ، މަނީ ލޯންޑަރިންގާއި ޓެރަރިޒަމް ފައިނޭންސިންގާއި އެ ކުށް ކުރުމުގައި ކުރާ އެހެނިހެން މާލީ ކުށްތަކާބެހޭ މަޢުލޫމާތު، ދޭދޭ ޤައުމުތަކުގައި މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވަރކްތައް ޤާއިމުކުރުމެވެ. މިދާއިރާއިން ލިބެންހުރި ތަމްރީނުތަކާއި، މިދާއިރާއިން ކުރިއެރުމަށް އެކި ޤައުމުތަކުން ކުރާ މަސައްކަތްތަކުގައި، ދުނިޔޭގައި އެކި ދިމަދިމާލުގައި ތިބި ޚަބީރުންގެ އެހީތެރިކަން ހޯދޭނެ ނިޒާމުތައް އުފެއްދުމަކީވެސް މިޖަމްޢިއްޔާއިން ކުރާކަމެކެވެ. 

     

     ކައުންޓަރ ޓެރަރިޒަމްއަކީ ދިވެހިރާއްޖޭގެ އިޤްޠިޞާދީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށްޓަކައި ކޮންމެހެން ސަމާލުވާންޖެހޭ ދާއިރާއެކެވެ. އެގްމޮންޓް ގްރޫޕުގެ މެމްބަރުކަން ލިބުމާއެކު، ދިވެހިރާއްޖޭގެ އެފް.އައި.ޔޫއަށް މިދާއިރާއިން މަޢުލޫމާތު ބަދަލުކޮށް ހެދުން ކުރިއަށްވުރެ ފަސޭހަވެގެންދާނެއެވެ. މި ދާއިރާގެ ތަމްރީނުގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެއެވެ. 

     

    ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި މުހިންމު ބައިވެރިއެވެ. މިއޮފީހުން ކުރާ މަސައްކަތްތަކާއި، ތަޙްޤީޤީ އިދާރާތަކުގެ މަސައްކަތް ކާމިޔާބުވުމުގައި އެފް.އައި.ޔޫގެ ދައުރު ބޮޑެވެ. ވީމާ، އެފް.އައި.ޔޫއަށް ފަންނީގޮތުން ލިބޭ ކޮންމެ ކުރިއެރުމަކީ، އެކަމުގެ ހެޔޮ އަސަރު، މުޅި ޖިނާއީ ޢަދުލުގެ ނިޒާމަށް ކުރާނެ ކަމެކެވެ.