-
26 މޭ 2024
އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނު ލެތުމުން ފެންނަ ގޮތް ހެދުން
ޤާނޫނު ނަންބަރު 2022/2 (އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހެ ޤާނޫނު)، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް ލެތުމުން މިހާރު ފެނިވަޑައިގަންނަވާނެއެވެ. ލެތުމުގެ އެހެން ޤާނޫނުތަކެކޭ އެއްގޮތަށް، މި ޤާނޫނުގެ އެކި ބަސްތައް ވަކިވަކިން ސަރޗް ކުރައްވައި، ބުކްމާރކްވެސް މިހާރު ކުރެއްވޭނެއެވެ.
އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނަކީ ވިޔަފާރީގެ މޫޢާމަލާތްތަކާއި އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޛަރީޢާއިން މޫޢާމަލާތުކުރުން ކުރިއަރުވައި ތަރައްޤީކޮށް، އެ ބާވަތުގެ މޫޢާމަލާތުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމާބެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނެވެ. މި ޤާނޫނުން އިލެކްޓްރޯނިކް ސޮޔަށް ޤާނޫނީ ޙައިސިއްޔަތު ދެއެވެ.
މީގެ އިތުރުން، ޑޭޓާ މެސެޖެއްގައި ހުރި މަޢުލޫމާތަކީ، އެ މަޢުލޫމާތު ހުރީ ޑޭޓާ މެސެޖެއްގައިކަމަށް ވީތީ، އެ ސަބަބަށްޓަކައި އެ މެސެޖު ބަލައިނުގަތުމަކީ މިހާރު ހުއްދަ ކަމެއް ނޫނެވެ. ޤާނޫނީ ގޮތުން ލިޔުމުން އޮންނަންޖެހޭ އެއްޗެއް، ޑާޓާ މެސެޖެއްގައި އޮތަސް، އެއީ ލިޔުމުން އޮތް އެއްޗެއްކަމަށް މިހާރު ޤާނޫނީ ގޮތުން ބެލޭނެއެވެ. އަދި ޑާޓާ މެސެޖަކީ، ހެއްކާބެހޭ ޤާނޫނުގައި ހުރި އުޞޫލުތަކާ އެއްގޮތަށް، ހެއްކެއްކަމަށް ބަލައިގަނެވޭނެކަމަށްވެސް މި ޤާނޫނުގައި ލިޔެފައިވެއެވެ. މީގެ އިތުރުންވެސް، އިލެކްޓްރޯނިކް ލިޔުކިޔުންތަކާބެހޭ ގިނަ އުޞޫލުތައް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.