• 15 މޭ 2024

    ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހީމް އާޤިލް މަރާލި މައްސަލަ

    ލ. ފޮނަދޫ، ހިޔާ، ޙަމްދޫން ހަމްޒަތުއާއި، ހއ. ދިއްދޫ ސްނޯބާޑް އިބްރާހީމް ވިޝާމްއާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، ޢަލީ މިޖުވާދު މާލިކު އިބްރާހީމް 31 އޯގަސްޓް 2018 ދުވަހުގެ 19:30 ހާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ދިމާލުން ބޮޑުތަކުރުފާނުމަގުގައި ހުރި ގދ. ފަރެސްމާތޮޑާ، ފަރެސްއަވަށް، ކޮކާ، އިބްރާހީމް އާޤިލްއަށް ބަޔަކުމީހުން ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުގެ ސަބަބުން އިބްރާހީމް ޢާޤިލް ނިޔާވެފައިވާ މައްސަލަ.

    ކުރެވުނު ދަޢުވާތައް:

    1. ލ. ފޮނަދޫ ހިޔާ ޙަމްދޫން ހަމްޒަތު – ދަޢުވާ ކުރެވުނު ތާރީޚް: 1 ނޮވެންބަރު 2018

    ޤާނޫނު ނަންބަރު: 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުން

    ސަބަބު: ހަމްދޫން ހަމްޒަތު، 31 އޮގަސްޓު 2018 ދުވަހު 19:30 އެހައިކަށްހައިއިރު، ވ. ފުލިދޫއިން މާލެއަށް އައި "ސްކަލް ރައިޑަރ" ލޯންޗު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ދިމާލުން ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަޚައްދަށް ގާތްކުރިވަގުތު އެލޯންޗުން ފޭބި ގދ.ފަރެސްމާތޮޑާ ފަރެސްއަވަށް ކޮކާ، އިބްރާހީމް ޢާޤިލުއަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޙަމަލާދީފައިވާތީއާއި، އިބްރާހީމް ޢާޤިލުއަށް ލިބުނު އަނިޔާތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް 31 އޮގަސްޓު 2018 ދުވަހު 20:59 އެހައިކަށްހައިއިރު، އިބްރާހީމް ޢާޤިލު ނިޔާވެފައިވާތީ.

     

    2. ސ. ހިތަދޫ، ސްވޭހުހީނާގެ، ޢަލީ މިޖުވާދު މާލިކު އިބްރާހީމް – ދަޢުވާ ކުރެވުނު ތާރީޚް: 28 ޖަނަވަރީ 2019

    ޤާނޫނު ނަންބަރު: 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުން

    ސަބަބު: ޢަލީ މިޖުވާދު މާލިކު އިބްރާހީމް، ލ.ފޮނަދޫ ހިޔާ ޙަމްދޫން ހަމްޒަތުއާއެކު، 31 އޮގަސްޓު 2018 ދުވަހު 18:50 އެހައިކަށްހައިއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ (އެމް.އެމް.އޭ) ދިމާލު ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ގޮސް، ސަރަހައްދުގައި މަޑުކޮށް، ހަމައެދުވަހު 19:30 އެހައިކަށްހައިއިރު، ސަރަހައްދަށް ވ.ފުލިދޫއިން މާލެއަށް އައި "ސްކަލް ރައިޑަރ" ލޯންޗު ގާތްކުރިވަގުތު، އެލޯންޗުން ފޭބި ގދ.ފަރެސްމާތޮޑާ ފަރެސްއަވަށް ކޮކާ، އިބްރާހީމް ޢާޤިލުއަށް ޙަމްދޫން ހަމްޒަތު ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީފައިވާތީއާއި، ހަމަލާދިނުމަށްފަހު ޢަލީ މިޖުވާދު މާލިކު އިބްރާހީމް ދުއްވަން އިން ސައިކަލުގައި ޙަމްދޫން ހަމްޒަތު ގޮވައިގެން އެތަނުން ފިލާފައިވާތީއާއި، އިބްރާހީމް ޢާޤިލުއަށް ލިބުނު އަނިޔާތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް 31 އޮގަސްޓު 2018 ދުވަހު 20:59 އެހައިކަށްހައިއިރު، އިބްރާހީމް ޢާޤިލު ނިޔާވެފައިވާތީ.

     

    3. ހއ.ދިއްދޫ ސްނޯބާޑް އިބްރާހީމް ވިޝާމް - ދަޢުވާ ކުރެވުނު ތާރީޚް: 05 ޑިސެންބަރު 2019

    ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ، އެމާއްދާގެ (ޅ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤާޞްދުގައި މީހަކު މެރުމުގައި އެހީތެރިވުން.

    ސަބަބު: އިބްރާހީމް ވިޝާމް، 31 އޮގަސްޓް 2018 ދުވަހު 14:00 އާއި 17:00 އާ ދެމެދުގެ ވަގުތެެއްގައި ގދ.ފަރެސްމާތޮޑާ ފަރެސްއަވަށް ކޮކާ، އިބްރާހީމް ޢާޤިލުއަށް ވ. ފުލިދޫއިން މާލެއަށް އައުމަށް ލޯންޗެއް ހަމަޖައްސައިދީ، 31 އޮގަސްޓު 2018 ދުވަހު 17:30 އެހައިކަށްހައިއިރު، އިބްރާހީމް ޢާޤިލުއާއެކު ވ. ފުލިދޫއިން މާލެއަށް އައި "ސްކަލް ރައިޑަރ" ލޯންޗުގައި އިނދެ އެލޯންޗު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ދިމާލަށް ލަފާނެކަމުގެ މަޢުލޫމާތު ކ.މާފުށި ސްވީޓްމީޑު އަޙްމަދު މާހިރުއަށްދީ، އިބްރާހީމް ޢާޤިލު މަރާލުމަށް އެހީތެރިވެފައިވާތީއާއި، ހަމައެދުވަހު 19:30 އެހައިކަށްހައިއިރު، އެލޯންޗު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ދިމާލުން ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަޚައްދަށް ގާތްކުރިވަގުތު އިބްރާހީމް ޢާޤިލު އެލޯންޗުން ފޭބުމުން، ލ.ފޮނަދޫ ހިޔާ، ހަމްދޫން ހަމްޒަތު، އިބްރާހީމް ޢާޤިލުއަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޙަމަލާދީފައިވާތީއާއި، އިބްރާހީމް ޢާޤިލުއަށް ލިބުނު އަނިޔާތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް 31 އޮގަސްޓު 2018 ދުވަހު 20:59 އެހައިކަށްހައިއިރު، އިބްރާހީމް ޢާޤިލު ނިޔާވެފައިވާތީ.

     

    މި މައްސަލައިގައި ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުނުވާކަމަށް، 15 މޭ 2024 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އަދި ޢަލީ މިޖުވާދު މާލިކު އިބްރާހީމް، ޙަމްދޫން ހަމްޒަތުގެ ބައި ކްރިމިނަލް ކޯޓުގައި ހިނގަމުންދެއެވެ. އެ ދެމީހުންގެ ބައި އޮތީ ޙުކުމް ކުރުމުގެ މަރުޙަލާގައެވެ.

    އިބްރާހީމް ވިޝާމްގެ ބައިގެ ޙުކުމާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތައް މި އޮފީހަށް ލިބުމުން، ދިރާސާކުރުމަށްފަހު މައްސަލަ އިސްތިއުނާފުކުރުމާމެދު ގޮތެއް ނިންމާނަމެވެ.