• 26 ޖަނަވަރީ 2024

    މިއޮފީހުގެ "އެޕަލް މީޓިންގް" ގައި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ބައިވެރިވެވަޑައިގެން، ތަޖުރިބާ ޙިއްސާކުރެއްވުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ހުނަރާއި ކުޅަދާނަކަން އިތުރުކުރުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ޖަނަވަރީ 2024 ގެ ބައްދަލުވުމުގައި، ޝަރުޢީ ދާއިރާގައި ވިހި އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ރިޓަޔަރ ކުރައްވާފައިވާ ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ބައިވެރިވެވަޑައިގެތް، އެމަނިކުފާނުންގެ ތަޖުރިބާތައް ޙިއްސާ ކުރައްވައިފިއެވެ. 

    ފަނޑިޔާރު ޝުޢައިބުގެ ޙަޔާތްޕުޅުގެ އެކި ޞަފްޙާތަކުން ކުރެއްވިފައި ހުރި ތަޖުރިބާތައް، އެހާމެ ސާފުކަމާއި، ދީލަތިކަމާއެކު ޕްރޮސިކިއުޓަރުންނާއެކު ޙިއްސާކުރެއްވިކަމީ، އެމަނިކުފާނުންގެ ހިތްޕުޅުގައި މިއޮފީހުގެ ޕްރޮސިކިއުޓަރުންނާމެދު އޮތް ގާތްގުޅުން ދައްކުވައިދިން ކަމެކެވެ. އެމަނިކުފާނުން ފަނޑިޔާރުކަން ކުރެއްވިއިރުން ފެށިގެން މިއަދާހަމައަށްވެސް، އެމަނިކުފާނުންގެ ކުރިމައްޗަށް ޙާޟިރުވާ ޤާނޫނީ ވަކީލުންނާމެދު އާދަޔާ ޚިލާފު ގާތްކަމެއް ބަހައްޓަވާކަމުގެ އިޙުސާސަކީ އަޅުގަނޑުމެން، ޤާނޫނީ ވަކީލުން ތަޖުރިބާކުރަމުންދިޔަ ކަމެކެވެ. ސަބަބެއް ކުރިއަކުން ނޭނގެއެވެ. އޭގެ ސިއްރަކީ، އެމަނިކުފާނުންގެ ދިރިއުޅުމުގެ ފަލްސަފާއާ ގުޅިފައިވާ، "އިޙްތިރާމާއެކު އެކުއުޅުމުގެ ސަބަބުން އުފެދިފައިވާ ލޯބި" ކަން މިއަދު އަޅުގަނޑުމެންނަށް ސާފުވެއްޖެއެވެ. އެއާއެކު، ކުރިން އޮތް ޙައިރާންކަން ފިލައިގޮސް، އަޅުގަނޑުމެންގެ ހިތުގައި އެމަނިކުފާނުންނާމެދު އޮތް ލޯބި އިތުރުވެއްޖެއެވެ.

    އެމަނިކުފާނުންގެ ޕްރޮފެޝަނަލް ޙަޔާތްޕުޅުގައި، އެކި ކޯޓުތަކަށް ކުއްލިކުއްލިއަށް ބަދަލުކުރެއްވި ގޮތާބެހޭ ވާހަކަތައްވެސް ކިޔުއްވައި ދެއްވިއެވެ. އެންމެ ޙައިރާންކުރަނިވި ކަމަކަށްވީ، ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް، ހަރުދަނާ ސަބަބުތަކެއް ދެއްކެވުމަކާ ނުލައި، ހައިކޯޓުގެ އުތުރު ގޮފީގެ ނަމުގައި ގޮތްޕެއް ހަދައި، އެގޮތްޕަށް ޢައްޔަންކޮށް، މާލޭގައި ހައެއްކަ މަސްދުވަހު މަސައްކަތެއް ނެތްގޮތަށް ބެހެއްޓެވުމަށްފަހު، ގިނިކަންޏާ، އަމިއްލަފުޅު ޢާއިލާއާ ދުރަށް އައްޑު އަތޮޅަށް ފޮނުއްވުމުންވެސް، ހިތްނުތަނަވަސްކަމެއް، ރުޅިވެރިކަމެއް، މާޔޫސްކަމެއް ނުވަތަ ކަންބޮޑުވެވަޑައިގަތުމެއްވެސް ނެތި، އީޖާބީ ގޮތެއްގައި، ކެތްތެރިކަމާއެކު އެކަންކަމާ ކުރިމަތިލައްވާ، އާޚިރުގައި އެ 'ބަދަލު' ންވެސް ސަލާމަތްވެ ވަޑައިގެންނެވި ގޮތެވެ. މިކަންކަމުން އަޅުގަނޑުމެންނަށް އެނގުނީ، އެމަނިކުފާނުންނަކީ، ހިތްވަރުފުޅުގަދަ، ހިތްޕުޅު ތިރި، އޯގާތެރި، ކުލުނުހުރި، ލޯބިން ފުރިފައިވާ، ނަމަވެސް، ޝަރްޢީ އަދި ޕްރޮފެޝަނަލް ކަންކަމުގައި ދޫދެއްވުމެއް ނެތި މަސައްކަތް ކުރެއްވި ނަމޫނާ އިންސާނެއްކަމެވެ. މިސިފަތައް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތުގެ ފަލްސަފާގެ ތެރެއަށް ވެއްދެމުގެ މުހިންމުކަމެވެ.  

    މިއޮފީހުން އެދެނީ ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއަށް އުފާވެރި، ބާއްޖަވެރި ޙަޔާތެއް މާތްﷲ މިންވަރު ކުރެއްވުމެވެ. ދިވެހި ޤައުމަށް މިފަދަ ޚިދުމަތްތެރި ހަރުދަނާ ދަރީންގެ ޚިދުމަތް ލިބުމެވެ. ދިވެހި ޤައުމަށް އަބަދުމެ ރޯޝަންކަން ލިބިލިބި ހުރުމެވެ.