• 18 ނޮވެންބަރު 2023

    ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތް 2023

    ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ދިވެހި ބަހުން ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިއީ، ޕީޖީ އޮފީހުގެ ރެކްރިއޭޝަން ކްލަބް، ކްލަބް220 އިން އިންތިޒާމުކުރާ މުބާރާތަކެވެ.  މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި ކޮންމެ ރައްޔިތަކަށް އެބައޮތެވެ. ރަޖިސްޓަރީވުމަށްޓަކައި، މިއޮފީހުގެ އޮންލައިން ޕޯޓަލް  online.pgo.mv  ގައި އޮތް، ސިޓީ ލިޔުމުގެ މުބާރާތުގެ ޓެބަށް ފިތާލުމުން، ރަޖިސްޓަރީވެވޭނެއެވެ. ސީދާ ލިންކަކީ online.pgo.mv/siteemubaarai މިއެވެ. މިލިންކުން މުބާރާތުގެ ގަވާއިދުވެސް ފެންނާނެއެވެ. މިވެބްސައިޓަށް ވަދެވޭނީ އީފާސް މެދުވެރިކޮށް ވެރިފައިވެގެންނެވެ. 

    މުބާރާތުގެ މަޤްޞަދަކީ، ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ ޢިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަޤާފަތެއް އުފެއްދުމެވެ.

    މުބާރާތުގައި ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާއިރު ރަޖިސްޓަރީވެފައިވާ މީހުންނަށް، ސިޓީ ނޯޓެއް ފޮނުވާނަމެވެ. އެސިޓީ ނޯޓުގައި އޮތް ސިޓީ ލިޔެ، ފޮޓޯއެއް ނަގައި، މިޕޯޓަލަށް އަޕްލޯޑުކުރުމުން މުބާރާތަށް ސިޓީ ހުށަހެޅުނީއެވެ.

    މުބާރާތުގައި ބައިވެރިވާނީ ވަކިވަކި ފަރުދުންނެވެ. އެމީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާއެކު ރަޖިސްޓަރީވުމުގެ ފުރުޞަތު އޮންނާނެއެވެ. ވަނަވަނައަށް އަންނަ އޮފީސްތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު 5 ސިޓީގެ މާރކްސްއަށް ބަލައިގެންނެވެ. 5 ސިޓީއަށްވުރެ މަދުން ހުށަހަޅާ އޮފީސްތައް، އޮފީސްތަކުގައި ބައިގައި ވާދައެއްނުކުރެވޭނެއެވެ.

    މުބާރާތުގެ އިނާމުތަކަކީ؛

    1 ވަނަ ސިޓީއަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި

    2 ވަނަ ސިޓީއަށް 1500 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން

    3 ވަނަ ސިޓީއަށް 1000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން

    އެއްވަނަ އޮފީސް – ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި

    2 ވަނަ އޮފީސް – ހަނދާނީ ލިޔުން

    3 ވަނަ އޮފީސް – ހަނދާނީ ލިޔުން

    އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީސް – ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި