25 ޖަނަވަރީ 2026
މ. ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ، އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 21 ޖަނަވަރީ 2026 ދުވަހު މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފީމެވެ.
މި ދަޢުވާތަކަކީ ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 (ދޭއް) ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދަޢުވާތަކެކެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ، ޝުޢައިބު ޢަބްދުﷲ ގެ މައްޗަށް މަދުވެގެން 60 (ފަސްދޮޅަސް) އަހަރާއި 1 (އެކެއް) މަހާއި 6 (ހައެއް) ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
* މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
22 ޖަނަވަރީ 2026
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދަޢުވާގެ ތެރެއިން 5 ދަޢުވާ ސާބިތުނުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.
މި 5 ދަޢުވާ ސާބިތުނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ.
އެހެންކަމުން، ސާބިތުނުވާކަމަށް ކަނޑައެޅުއްވި 5 ދަޢުވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.
ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށްވާތީ، އެ ރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ.
މި މައްސަލާގައި ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 2 ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޢަބްދުالله މައުމޫން 12 (ބާރަ) އަހަރާއި، 9 (ނުވައެއް) މަހާއި، 18 (އަށާރަ) ދުވަހަށް ޖަލަށްލުމަށް 29 ސެޕްޓެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
06 ޖަނަވަރީ 2026