-
02 މާރިޗު 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުން
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.މި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން މި އޮފީހުން ދިރާސާކޮށް ބެލިއިރު، މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް ކޯޓުން ނިންމާފައިވަނީ އަދި މައްސަލައިގެ ހެކި ޤަރީނާ ވަޒަންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ފެނެއެވެ.އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް 2 މާރިޗު 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފީމެވެ. މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެކޯޓަށް ތަޙްވީލުކޮށްދެއްވުމަށެވެ.މި އިސްތިއުނާފީ މައްސަލައާއެކު، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 އިން މުޢާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނެއެވެ. މި ގޮތަށް އެދިފައިވާނީ ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ ދަށުންނެވެ.-
06 ޖަނަވަރީ 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާއާ ގުޅޭ
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ހިމެނޭ މުޢާމަލާތާ ގުޅިގެން ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އެހެންކަމުން، ހަމަ މި މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ.އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށްވާތީ، އެ ިރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ.
-
-
01 މާރިޗު 2026
ހުޅުމާލެއިން ގޯތި ލިބިފައިވާކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުންތަކެއް އުފައްދައި، އެ ލިޔުންތައް ހުށަހެޅި މައްސަލަ
"ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިނުވާ މީހުން، ގޯތި ލިބިފައިވާކަމަށް ދައްކައި ޞައްޙަނޫން ލިޔެކިޔުން ހަދައިގެން ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަނަށް ހުށަހަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 1 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
1. ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާ.
ދަޢުވާލިބޭ މީހުން ދައުވާކުރާ ސަބަބު
1. ގ. ޕޫލްބަހާރުއާގެ، އަޙްމަދު ޢަތީޤް ޢަބްދުالله
2. ނ. ވެލިދޫ، ޑޭޒީމާގެ އަޙްމަދު މާޒިން
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީ ފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތްކުރުމުގައި އުޅެމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން އުފައްދާފައިވާތީ.
2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ދަށުންނާއި، 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.
މ. ފަޅުމަތީގެ، އަރުޝަދު ޢަލީ ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުންދިޔަ، ނ. ވެލިދޫ، ޑޭޒީމާގެ، އަޙްމަދު މާޒިންއާ ބައިވެރިވެގެން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިންކަމަށް ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުތަކެއް އުފައްދައިފައިވާތީ. 3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާ.
1. ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާޢީ
2. މ. ޒޭވަރު، މުޙައްމަދު ފަޟީލް ރަޝީދު
3. ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު
4. ދަފްތަރު. ނަންބަރު ރސ 9044، ޢާއިޝަތު މަޢުރޫފާ
5. ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުޙައްމަދު އާދަމް
6. ހއ. ދިއްދޫ، ޖަމީލާ، ޢަބްދުލްމަޖީދު މާހިރު
7. މ. ވެސްޓްކޯސްޓް، ޙުސައިން ޒާހިރު ޒައިނު
8. މ. ފަޅުމަތީގެ، އަޝްހަދު ޢަލީ
9. މ. ފަޅުމަތީގެ، އަޙްމަދު ޢަލީ
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން، އެ ގޯތީގެ ސައްޙަނޫން އެއްބަސްވުމާއި، ސައްޙަނޫން ރަޖިސްޓްރީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަންއަށް ހުށަހަޅާފައިވާތީ.
ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލާގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއް ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެ މައްސަލައިގެ ތަޙުޤީޤު ނިމުމުން ދަޢުވާކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ.
-
01 މާރިޗު 2026
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ބީ.އެމް.އެލްގެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލަ
27 އޮކްޓޫބަރު 2025 ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ޓާރމިނަލް 1 ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭސްއެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 8 ފެބްރުވަރީ 2026 ދުވަހާއި 26 ފެބްރުވަރީ 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދުގެ މައްޗަށް:
1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ.
2. ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ.
3. ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން، މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ.
ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށް:
1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ.
2. ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.
ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރުގެ މައްޗަށް:
1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.
ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދުއާއި،
ލ. މާވައް، ރޭޝަމް، މާޒިން މޫސާއާއި،
މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމްއާއި،
ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފްއާއި،
ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާންގެ މައްޗަށް:
1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.
މި ދަޢުވާތައް ކޮށްފައިވާނީ 27 އޮކްޓޯބަރ 2025 ދުވަހުގެ 4:15 އެހައިކަށްހައިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، -/4,900 ޔޫރޯއާއި، -/1,735 ޕައުންޑާއި، -/2,610 ސިންގަޕޯރ ޑޮލަރާއި، -/1,345 އޮސްޓްރޭލިއަން ޑޮލަރާއި، -/510 ސްވިސް ފްރޭންކާއި، -/1,515 ކެނޭޑިއަން ޑޮލަރާއި، -/334,000 ޖަޕަނީސް ޔެންއާއި، -/10,420 ހޮންގކޮންގް ޑޮލަރާއި، -/106,120 ޔޫއެސް ޑޮލަރާއި، -/23,778 ދިވެހި ރުފިޔާއާއި، -/25,000 އިންޑިއަން ރުޕީސްއާއި، -/600 ޗައިނީސް ޔުއާން، ސޫޓް ކޭސްއަކަށް އަޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއަރޕޯޓް އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާތީއާއި، އެ ކުށުގެ ޢަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީއެވެ.
މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެއެވެ.
ފޮޓޯ ގެލެރީ - ޕްރޮސިކިއުޓަރ ޖެނެރަލްގެ 5 އަހަރުގެ ތަޞައްވުރު އިފްތިތާހުކުރުން
09 މާރިޗު 2025