ޕްރޮސިކިއުޓަރ ޖެނެރަލް ފުވައްމުލަކު އަތޮޅު ކައުންސިލާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓާ ބައްދަލުކުރައްވައިފި

30 މާރިޗު 2016

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ފުވައްމުލަކު އަތޮޅު ކައުންސިލާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓާ މިއަދު 2016 މާރިޗު 30 ވަނަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

 

ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގައި އެކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތް ހަރުދަނާގޮތެއްގައި ކުރުމުގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ފަރާތުން ވެދެއްވޭނެ އެހީތެރިކަމުގެ މައްޗަށާއި، ދެމުއައްސަސާ ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި، ފުވައްމުލަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް މިހާރު ހުރި އަތޮޅަކަށްނުވާތީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ވަކާލާތުކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުން ދަތުރުކުރައްވާއިރު، އެޕްރޮސިކިއުޓަރުން ތިއްބަވާނެ ތަނެއް ހޯދުމުގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ އެހީތެރިކަން ހޯދުމާގުޅޭގޮތުންނާއި، ފުވައްމުލަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް އަލުން ހުޅުވުމާގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރެވުނެވެ.

 

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް މިހާރަށްވުރެ އަވަސްމިނެއްގައި ކުރިއަށްގެންދެވި ނިންމޭނެ ގޮތްތަކުގެ މައްޗަށް ކޯޓާއެކު މަޝްވަރާކުރެވުނެވެ. މިގޮތުން، ފުވައްމުލަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް ހުންނަ ރަށަކަށްނުވާތީ، ފުވައްމުލަކު ކޯޓުގައި ކުރިއަށްދާ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ތަމްޘީލްކުރުމަށްޓަކައި ފުވައްމުލަކުން ބޭރުން ޕްރޮސިކިއުޓަރުން ދަތުރުކުރައްވާފައި ވަޑައިގަންނަވަންޖެހޭހިނދު، މައްސަލަ ނުބޭއްވި ދާދިޔުމަކީ ލިބިގެންދާ ގެއްލުމަކަށް ވެގެންދާކަމުން، މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން މައްސަލަތަކަށް ކަނޑައެޅޭ އުޞޫލެއްގެ ދަށުން، ރޭވުންތެރިކަމާއެކު، ދުރާލާ ތާވަލުކުރުމުގެ މައްޗަށާއި، މައްސަލަތައް ހިންގުމުގައި ދިމާވާ އެހެނިހެން ކަންކަން ޙައްލުކުރެވޭނޭ ގޮތްތަކުގެ މައްޗަށާއި، ފުވައްމުލަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް ނެތުމުން ދިމާވާ ދަތިތަކުގެ މައްޗަށް ވާހަކަ ދެކެވުނެވެ.

 

މީގެ އިތުރުން އެކިއެކި ސަބަބުތައް މެދުވެރިވެގެން ނުހިންގޭ މައްސަލަތަކުގައި، އެމައްސަލަތައް އަނބުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާލެއްވުމުގެ ބަދަލުގައި، ދެފަރާތުން ގުޅިގެން އެމައްސަލަތައް ހިންގޭނޭ ގޮތްތައް ހޯދުމުގެ މައްޗަށްވެސް ޚިޔާލު ބަދަލުކުރެވުނެވެ.

 

 މިބައްދަލުވުމަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.