ފުރަތަމަ ޕްރޮސިކިއުޓަރުންގެ މަހާސިންތާ ފަށައިފި

15 ޖޫން 2019

މި އޮފީހުން ބާއްވާ ޕްރޮސިކިއުޓަރުންގެ މަހާސިންތާ 2019 މިއަދު ވަނީ ފަށާފައެވެ. ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮސިކިއުޓަރުންގެ މަހާސިންތާއަކީ ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމާއި ދަޢުވާކުރުމުގައި ދިމާވާ މައްސަލަތަކާއި، ތަޙްޤީޤްކުރުމާއި ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށާއި، ޕްރޮސިކިއުޓްކުރުމާގުޅޭ ނިންމުންތަކުގެ އެއްގޮތްކަން ދެމެހެއްޓުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ އުޞޫލެއްގެ ތެރެއިން މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެކެވެ.

މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒާ އާއިޝަތު ބިޝާމާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަހާސިންތާގައި ޕްރޮސިކިއުޓް ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމާގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާކުރުމާއި، މި އޮފީހުގެ އެތެރޭގައި ޤާއިމުވެފައިހުރި ޕްރޮސިކިއުޝަނާ ގުޅުންހުރި ޔުނިޓްތަކާއި، ސެކްޝަންތަކާއި، ޕްރޮސިކިއުޓަރުންނާ ދެމެދު ޚިޔާލު ބަދަލުކުރުމުގެ ސެޝަންތައް ކުރިއަށްދާނެއެވެ.

މި މަހާސިންތާގައި މި އޮފީހުގެ އެތެރޭގެ ޔުނިޓްތަކާއި ސެކްޝަންތަކުގެ އިތުރުން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި، ނޭޝަނަލް ޑްރަގް އޭޖެންސީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބައިވެރިވެއެވެ. އަދި ޝަރުޢީ ކޯޓްތަކުގެ ތެރެއިން ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓާއި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މި މަހާސިންތާގައި ބައިވެރިވެއެވެ.

މި މަހާސިންތާގެ ތެރޭގައި މި އޮފީހުގެ ޔުނިޓްތަކާއި، ސެކްޝަންތަކާއި، ބައިވެރިވާ އެހެނިހެން މުއައްސަސާތަކުން ޕްރެޒެންޓޭޝަންތަކާއި ކަރުދާސްތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މުއައްސަސާތަކާއެކު ކުރިއަށްދާ ސެޝަންތަކުގައި މި އޮފީހާއެކު މަސައްކަތް ކުރުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއި، މިއޮފީހުގެ އިސްވެރިންނާއެކު އެއް ޕްލެޓްފޯމެއްގައި މައުލޫމާތު ބަދަލުކޮށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހާސިންތާގެ މަޤްޞަދުތަކުގެ ތެރޭގައި މި އޮފީހާއެކު މަސައްކަތްކުރާ މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުމާއި، އެކުގައި މަސައްކަތް ކުރުން އިތުރަށް ފަސޭހަކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމާއި، މި އޮފީހުގެ މަސައްކަތްތަކާއި އެތެރޭގެ ހިންގުން އަވަސްކޮށް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.

ޕްރޮސިކިއުޓަރުންގެ މަހާސިންތާ 2019 ގެ ސެޝަންތައް މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާނެއެވެ.