ދެ ޤައުމުގެ ޕްރޮސިކިއުޝަން ސަރވިސްގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި

17 ޖުލައި 2018

ތުރުކީގެ ޖެނެރަލް ޕްރޮސިކިއުޝަން އޮފީސް އޮފް ދި ސްޕްރީމް ކޯޓް އޮފް އެޕީލްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ ދަށުން ޓެރަރިޒަމާއި، ކޮރަޕްޝަންގެ ކުށްތަކާއި، ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކާއި، އިންސާނީ ވަގުފާރިއާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި، އިކޮނޮމިކް ކްރައިމްސް އަދި ކޮމްޕިއުޓަރ ކްރައިމްސްގެ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން، މަޢުލޫމާތު ބަދަލުކުރުމާއި، ދެ ޕްރޮސިކިއުޝަން ސަރވިސްގެ މުވައްޒަފުންނަށް ތަމްރީން ދިނުން ހިމެނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ތުރުކީގެ ޕްރޮސިކިއުޓަރ ޖެނެރަލް މރ. މެހްމެތު އަކާސާ އާއި ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމްވަނީ ދެޤައުމުގެ ޖިނާއީ ޢަދުލުގެ ނިޒާމާއި، ޕްރޮސިކިއުޝަން ސަރވިސްގެ މެންޑޭޓާ ގުޅޭގޮތުން މަޝްވަރާކޮށް، މަޢުލޫމާތު ބަދަލުކޮށްފައެވެ. އަދި މީގެ އިތުރުން، ތުރުކީގެ ސުޕްރީމް ކޯޓް އޮފް އެޕީލްގެ މެންބަރުންގެ ގޮތުގައި ތުރުކީގެ ޕްރޮސިކިއުޝަން ސަރވިސްގެ މުވައްޒަފުންތަކެއް އިންތިޚާބުވުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމްވަނީ އެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

 އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ތުރުކީގެ އަންކާރާގައި ހުންނަ ޖެނެރަލް ޕްރޮސިކިއުޝަން އޮފީސް އޮފް ދަ ސުޕްރީމް ކޯޓު އޮފް އެޕީލްގައެވެ.