ޕްރޮސިކިއުޓަރ ޖެނެރަލް ފުވައްމުލަކާއި އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި

29 މާރިޗު 2016

ފުވައްމުލަކާއި އައްޑޫ ސިޓީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް، މިއަދު، 2016 މާރިޗު 29 ވަނަ ދުވަހު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވެވަޑައިގެންފަހުން، އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮފިތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެކެވެ.

 

މިދަތުރުގައި އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕަށް ޒިޔާރަތްކުރުމުގެ އިތުރުން، ފުވައްމުލަކާއި އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ކައުންސިލުގެ އިދާރާތަކާއި، ކޯޓުތަކާއި، ފުލުހުންގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން އަދި މިނޫންވެސް ޕްރޮސިކިއުޝަންގެ މަސައްކަތްތަކާ ގުޅުންހުރި އިދާރާތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.

 

މިދަތުރުފުޅުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމްގެ އަރިހުގައި އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލުންކަމުގައިވާ އަލްއުސްތާޛާ ޖިހާދާ އަނީސާއި، އަލްއުސްތާޛާ މަރްޔަމް ނިހާޔަތާއި، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ އާމިނަތު ވަޙީދާ އާއި، އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް އަޙްމަދު ޢިޔާދު ބައިވެރިވެވަޑައިގެންނެވިއެވެ. މިދަތުރުފުޅު ނިންމަވާލައްވައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2016 އެޕްރީލު 02 ވަނަ ދުވަހު އެވެ.