އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގައި ބައިވެރިވުން

10 މޭ 2017

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ބާއްވާ 'އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ' ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބައިވެރިވެއްޖެއެވެ. މިއަދާއި މާދާމާގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމަހާސިންތާގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ޙަރަކާތްތެރިވާ ގިނަ އިދާރާތަކެއް ބައިވެރިވެއެވެ. އަދި އެއިދާރާތަކުން ކޮރަޕްޝަނާ ގުޅުންހުރި މަޢުޟޫޢުތަކަށް ކަރުދާސް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއަދު ފެށިގެން މިދިޔަ މަހާސިންތާގެ ހެނދުނުގެ ދަންފަޅީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ 'ކޮރަޕްޝަންގެ މައްސަލަތަކުގައި ދަޢުވާ އުފުލުމާއި ކުށް ޘާބިތުކުރުމުގައިހުރި ގޮންޖެހުންތަކާއި ޙައްލުތައް' މިމައުޟޫޢަށް ކަރުދާހެއް ހުށަހަޅާފައެވެ. މިކަރުދާހުގައި ކޮރަޕްޝަނާގުޅޭ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދައުރު އަދާކުރުމުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް ތަފްޞީލީ ގޮތެއްގައި ބަލާލާފައިވެއެވެ. އަދި އެކަންކަމާ ގުޅިގެން ޙައްލު ހޯދުމަށް މިއޮފީހަށް ފެންނަ ގޮތްތައްވެސް ހުށަހަޅާފައިވެއެވެ.

 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިކަރުދާސް ހުށަހަޅުއްވައިދެއްވީ ޕަބްލިކް ޕްރޮސިކިއުޓަރުންކަމުގައިވާ އަލްއުސްތާޛް އަޙްމަދު ހައިލަމް އަދި އަލްއުސްތާޛާ މަރްޔަމް ޝަހުމާއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކަރުދާސް ހުށަހެޅި ސެޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ނާޝިދު ބައިވެރިވެވަޑައިގެންނެވިއެވެ. މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ޢަބްދުﷲ ޖިހާދު ޝަރަފުވެރިކޮށްދެއްވާފައިވާއިރު، މިމަހާސިންތާއަށް ކަނޑައަޅާފައިވާ ތީމަކީ "ނަޒާހަތްތެރި މުޖުތަމަޢަކަށް – މުއައްސަސާތަކުގެ ދައުރު" – ހޯދައި | ބަލައި | ހުއްޓުވުން މިއެވެ.