ޕްރޮސިކިއުޓަރ ޖެނެރަލް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

28 މާރިޗު 2016

 

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދިލެއްވުމުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިންތިޒާމްކޮށްދެއްވި މިބައްދަލުވުން އޮތީ އިސްކަންދަރުކޮށީގައި މިއަދު ހެނދުނު 08:45 ގައެވެ.

 

މިބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފާއި، އެސަރވިސްގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ އިތުރުން، ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޕީޖީގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލާއި، އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލުންނާއި ޑިޕާރޓްމަންޓްތަކުގެ އިސްވެރިންނެވެ.

 

މިބައްދަލުވުމުގައި ދެމުއައްސަސާގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގުޅިގެން ކުރެވިދާނެ ކަންކަމުގެ މައްޗަށް ވާހަކަދެކެވުނެވެ. މީގެ އިތުރުން ދެމުއައްސަސާގެ ޑިޕާޓްމަންޓުތަކުގެ އިސްވެރިން، ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން، ޤަވާޢިދުން ބައްދަލުކޮށް މަސައްކަތުގައި ދިމާވާ މައްސަލަތަކަށް އެޑްރެސްކުރަމުން ދިޔުމަށްވެސް ވާހަކަ ދެކެވުނެވެ. އަދި އަލަށް ޢަމަލުކުރަންފެށުނު ޤާނޫނުލްޢުޤޫބާތަށް އަހުލުވެރިކުރުމަށްޓަކައި ދެމުއައްސަސާ ދެމެދު ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ތަޙްޤީޤްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތަޙްޤީޤްކުރުމާގުޅޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމާގުޅޭގޮތުންނާއި، ބޮޑެތި މައްސަލަތައް ދެމުއައްސަސާ ގުޅިގެން ތަޙްޤީޤް ކުރުމާމެދު މިބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ.

 

މިބައްދަލުވުމަކީ އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާއި ޙަވާލުވެވަޑައިގެންނެވި ފަހުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއެކު ބޭއްވުނު ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.