ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ދެވަނަ ތަމްރީން ޕްރޮގްރާމް ފެށުން

05 މާރިޗު 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޕްރޮސިކިއުޝަން ދާއިރާގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ހިންގާ ތަމްރީން ޕްރޮގްރާމްގެ ދެވަނަ ބުރު މިއަދު ފަށައިފިއެވެ. މިއަދު ފެށި ތަމްރީން ޕްރޮގްރާމްގައި ޕްރޮސިކިއުޝަން ދާއިރާގައި މަސައްކަތްކުރާ 24 މުވައްޒަފުންނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފެއްގެ އިތުރުން ޖުވެނައިލް ކޯޓުގެ މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

މިއަދުން ފެށިގެން 7 މާރިޗު 2017 ގެ ނިޔަލަށް ކުރިއަށްދާ ތަމްރީން ޕްރޮގްރާމް ފެށުމުގެ  ގޮތުން މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގގެ މީރުބަހުރު މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލްވަނީ މިފަދަ ތަމްރީނެއްގެ މުޙިއްމުކަމާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ދުރާލާ ތައްޔާރުވެ، އެޤާނޫނުގައި ބަޔާންކުރާ މުއްދަތުތަކުގައި މަސައްކަތްތައް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބައްޓަންކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިތަމްރީން ޕްރޮގްރާމްގައި ކިޔަވައިދޭނީ އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގި ޓީއޯޓީން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާއި، އެޕްރޮގްރާމްގެ ދަށުން ޓީއޯޓީންގެ ގޮތުގައި ތަމްރީންވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނެވެ.