ދަ ސެކަންޑް ޗައިނާ-ސައުތު އޭޝިއާ ލީގަލް ފޯރަމްގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަޤްރީރުކުރައްވައިފި

15 ޑިސެންބަރު 2016

ޗައިނާގެ ކުންމިންގ ގައި މިހާރު ކުރިއަށްދާ ދަ ސެކަންޑް ޗައިނާ-ސައުތު އޭޝިއާ ލީގަލް ފޯރަމްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިއަދު ތަޤުރީރުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު އޮތް ސެޝަންގައި ޕްރޮސިކިއުޓަރ ޖެނެރަލް ކުރެއްވި ތަޤުރީރު ބިނާކުރައްވާފައިވަނީ ޗައިނާ އަދި ސައުތު އޭޝިއާ ޤައުމުތަކުގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުތަކުގެ މައްޗަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ދެއްކި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތް ފެށިގެން އައި ގޮތުގެ މައްޗަށާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީން އުފަންކުރި އަސާސީ ޙައްޤުތަކާއި، އެ ޤާނޫނުއަސާސީން އެކަށައަޅައިދީފައިވާ، އެއްބާރު އަނެއް ބާރުގެ މައްޗަށް އަދި އެއް މުއައްސަސާ އަނެއް މުއައްސަސާގެ މައްޗަށް ފާރަވެރިވެ، ޒިންމާދާރުވެރިކަމާއެކު ޖަވާބުދާރީކުރުވުމުގެ ނިޒާމާއި، ޤާނޫނުއަސާސީން ގެނުވި ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ޗައިނާގެ ދުސްތޫރީ ނިޒާމް ފެށިގެން އައި ގޮތުގެ މައްޗަށާއި އެޤައުމުގައި މިހާރު ޢަމަލުކުރެމުންދާ ޤާނޫނުއަސާސީ އަދި އެޤައުމުގެ ޤާނޫނީ ނިޒާމާއި ރާއްޖޭގެ ނިޒާމުގައިހުރި އެއްގޮތް ކަންކަމާއި ހުރި ބައެއް ތަފާތުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާފައިވެއެވެ.