ޕްރޮސިކިއުޝަން އާކައިވްސްގެ ނަމުގައި އެޕްލިކޭޝަނެއް އިފްތިތާޙްކޮށްފި

24 ނޮވެންބަރު 2016

ޕްރޮސިކިއުޝަން އާކައިވެސްގެ ނަމުގައި އެޕްލިކޭޝަނެއް މިއަދު އިފްތިތާޙްކޮށްފިއެވެ. މި އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވީ މިއަދު ހަވީރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެކަމަށް އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި އުއްތަމަފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދެވެ.

 

މި އެޕްލިކޭޝަނަކީ ޕްރޮސިކިއުޝަންގެ ދާއިރާގައި ބޭނުންކުރާ އެކި ބާވަތުގެ ލިޔުންތައް އެއްތަނަކުން ފެންނާނެ ގޮތެއް ހެދުމަށްޓަކައި ފަރުމާ ކޮށްފައިވާ ވެބް ބޭސްޑް އެޕްލިކޭޝަނެކެވެ. އެ ލިޔުންތަކުގައި ތެރޭގައި ރާއްޖޭގައި ޢަމަލުކުރަމުންގެންދާ ޤާނޫނުތަކާއި، ގަވާއިދުތަކާއި ޝަރުޢީ ކޯޓުތަކުން ނިންމާ ޤަޟިއްޔާތަކާއި މިއޮފީހުގެ މަސައްކަތާ ގުޅޭގޮތުން ނެރެފައިވާ އެކި މެމޯތައް ހިމެނެއެވެ.

 

މިއެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލްވަނީ މި އެޕްލިކޭޝަން ތައްޔާރުކުރަންޖެހުނު ސަަބަބުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި އޭގެ އިތުރުން، މި އެޕްލިކޭޝަން ބޭނުންކުރާނެ ގޮތްވެސް އެކަމަނާވަނީ މިސާލުތަކާއެކު ވިދާޅުވެދެއްވާފައެވެ.

 

އެޕްލިކޭޝަން އިފްތިތާޙްކުރެއްވުމަށްފަހު އުއްތަމަފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި މިއެޕްލިކޭޝަންގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެ އެޕްލިކޭޝަނަށް އަޅަންޖެހޭ މަޢުލޫމާތުތައް އެޅުމުގައި ފަސްޖެހުމެއްނެތި މަސައްކަތްކުރިއަށް ގެންދެވުމަށް އެކަމުގައި ޝާމިލުވާ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.

 

މިއަދުގެ ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 3 ވަނަ ކުއާޓަރލީ ރިޕޯޓު ނެރުއްވުންވެސް އޮތެވެ. އެ ރިޕޯޓު ނެރެދެއްވީ ބަންޑާރަނައިބު އަލްއުސްތާޛް މުޙައްމަދު އަނިލްއެވެ. 


ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 3 ވަނަ ކުއާޓަރލީ ރިޕޯޓު