'އިންޑިއަން އޯޝަން ފޯރަމް އޮން މެރިޓައިމް ކްރައިމް' ގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފި

22 މާރިޗު 2016

ތިންދުވަހުގެ މުއްދަތަށް ޔޫއެންއޯޑީސީ ގެ ފަރާތުން އިންތިޒާމްކުރައްވައިގެން 2016 މާރިޗު 21-23 ގެ ނިޔަލަށް ސްރީލަންކާގެ ކޮޅުނބުގައި ކުރިއަށްދާ 'އިންޑިއަން އޯޝަން ފޯރަމް އޮން މެރިޓައިމް ކްރައިމް (ޕްރޮސިކިއުޓަރސް ނެޓްވަރކް)' ގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފިއެވެ. އެކަމަނާގެ ޕްރެޒެންޓޭޝަންގައި ކަނޑުމަގުންކުރާ މަސްތުވާތަކެތީގެ ވިޔަފާރިއާއި، ކަނޑުމަގުން ހިންގާ އެކިއެކި އޯގަނައިޒްޑް ކުށްތަކާއި، ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގ ގެ މައްސަލައިގެ މައްޗަށް ވާހަކަފުޅު ދެއްކެވުމުގެ އިތުރުން، ޤާނޫނާ ޚިލާފަށް އެއްޤައުމުން އަނެއް ޤައުމުން ހިޖްރަކުރާ މީހުންގެ މައްސަލައާއި، ހުއްދަނުހޯދާކުރާ މަސްވެރިކަމާއި، ކަނޑުފޭރުމުގެ ކުށާގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

 

މީގެ އިތުރުން، މިދާއިރާތަކުން ޕްރޮސިކިއުޝަން ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމުގެ މައްޗަށްވެސް މިޕްރެޒެންޓޭޝަންގައި އަލިއަޅުއްވާލެއްވިއެވެ.

 

މިއީ، އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވެވަޑައިގެންފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.