އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސްގެ 21 ވަނަ އެނުއަލް ކޮންފަރަންސްގައި ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވެވަޑައިގެންފި

18 ސެޕްޓެންބަރު 2016

އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސްގެ 21 ވަނަ އެނުއަލް ކޮންފަރަންސް އަދި ޖެނެރަލް މީޓިންގ ގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ބައިވެރިވެވަޑައިގެންފިއެވެ. މިމަހުގެ 11 އިން 15 އަށް އަޔަރލަންޑްގެ ޑަބްލިންގައި ކުރިއަށް ދިޔަ މި ކޮންފަރަންސްގެ ތީމަކީ 'ދަ ޕްރޮސިކިއުޓަރ އެންޑް ދަ އިންވެސްޓިގޭޓަރ' އެވެ. މި ކޮންފަރަންސްގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ "ޖުވެނައިލް ޕްރޮސިކިއުޝަންސް" އާބެހޭގޮތުން ޕްރެޒެންޓޭޝަންއެއް ހުށަހަޅުއްވާދެއްވާފައެވެ. އެ ޕްރެޒެންޓޭޝަންގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ އުފުލުމުގައި ދިވެހިރާއްޖެއިން ގެންގުޅޭ އުޞޫލުތަކާއި އެދާއިރާގައި ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. 4 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ކޮންފަރަންސްގެ ބޭރުން އެކި ގައުމުތަކުގެ އެޓަރނީ ޖެނެރަލުންނާއި ޕްރޮސިކިއުޝަން ސަރވިސްގެ ހެޑުންނާ ވަކި ވަކިން ޕްރޮސިކިއުޓަރ ޖެެނެރަލް ބައްދަލުކުރައްވާފައިވެއެވެ. ގާތްގަނޑަކަށް 90 ޤައުމުން 500 އަށްވުރެ ގިނަ ޑެލިގޭޓުން ބައިވެރިވި އެނުއަލް ކޮންފަރަންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު ޕްރޮސިކިއުޓަރ ޖެެނެރަލް އެނބުރި ރާއްޖެ ވަޑައިގަތީ މިމަހުގެ 17 ވަނަ ދުވަހު އެވެ.