ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 8 ވަނަ އަހަރީދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

05 ސެޕްޓެންބަރު 2016

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 8 ވަނަ އަހަރީދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިގޮތުން 8 ވަނަ އަހަރީދުވަސްކަމުގައިވާ 2016 ސެޕްޓެންބަރު 4 ވަނަ ދުވަހުގެ މުނާސަބަތުގައި އެދުވަހާ ގުޅުވައިގެން ގިނަ ޙަރަކާތްތަކެއްކުރުމަށް ރޭވުނެވެ. ބައެއް ޙަރަކާތްތައް މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކުރެވިފައިވީނަމަވެސް، 2016 ސެޕްޓެންބަރު 1 ވަނަ ދުވަހުން ފެށިގެން ޙަރަކާތްތައް ކުރިއަށް ގެންދެވިފައިވެއެވެ. ސެޕްޓެންބަރު 1 ވަނަ ދުވަހު ރަސްމީ މަސައްކަތުގެ ގަޑި ނިމުމުން، ހުރިހާ މުވައްޒަފުން ގުޅިގެން އޮފީސް ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި އެމަސައްކަތް ސެޕްޓެންބަރު 2 ވީ ހުކުރުދުވަހުވެސް މެންދުރުފަހުން ފެށިގެން ރޭގަނޑު ވަރަށް ލަސްވަންދެން ކުރިއަށް ގެންގޮސްފައިވެއެވެ.

 

ޕީޖީއޯ އެވޯޑްސް 2016

އަހަރީދުވަހާ ގުޅުވައިގެން މުވައްޒަފުންގެ މެދުގައި އެކުވެރިކަމުގެ ރޫޙް އާލާކޮށް، އަހަރީދުވަހުގެ އުފަލުގައި، މުވައްޒަފުންގެ މެދުގައި އެކިއެކި ދާއިރާތައް ހިމެނޭގޮތުން 'ޕީޖީއޯ އެވޯޑްސް 2016' ގެ ނަމުގައި ޙަރަކާތެއް ސެޕްޓެންބަރު 1 ވަނަ ދުވަހު ފެއްޓުނެވެ. މިގޮތުން މިޙަރަކާތުގައި ކަނޑައެޅުނު ދާއިރާތަކުން ގޮފިތައް ހިމެނޭގޮތުން ހުރިހާ މުވައްޒަފުން، އެދާއިރާއަކަށް އެންމެ އެކަށޭނަ މުވައްޒަފަކަށް ވޯޓުލުމަށްޓަކައި އޮފީހުގައި ވޯޓު ފޮށި ބެހެއްޓި، ވަރަށް ފޯރިއާއެކު މިޙަރަކާތް ކުރިއަށްގެންދިޔައެވެ.

 

ޕީޖީއޯ އިންޑޯ ގޭމްސް 2016

8 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި އިންތިޒާމްކުރެވުނު 'ޕީޖީއޯ އިންޑޯ ގޭމްސް 2016' ސެޕްޓެންބަރު 3 ވީ ހޮނިހިރުދުވަހުގެ ހެނދުނު 9 އިން ފެށިގެން ރޭގަނޑާ އެއްކޮށް ކުރިއަށްދިޔައެވެ. މިޙަރަކާތް ރޭވިފައިވަނީ އޮފީހުގެ މުވައްޒަފުން 4 ގްރޫޕަކަށް ބަހާލައިގެން އެގްރޫޕްތަކުގެ މެންބަރުންގެ މެދުން ކަނޑައަޅާ މުވައްޒަފުންގެ މެދުގައި އެކި ކުޅިވަރުތައް ކުޅެގެންނެވެ. މިގޮތުން ކުޅިވަރުތަކުގެ ތެރޭގައި ޑާޓް، ކެރަމް، ސްކްރެބެލް، ރާޒުވާ، ޕީއެސް އަދި އެކިއެކި ކާޑް ގޭމްސް ހިމެނެއެވެ.

 

ދިދަ ނެގުން

އަހަރީދުވަހުގެ މުނާސަބަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައި އޮފީހާ އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ގޮފިތައް ހިމެނޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހުރިހާ އޮފީހެއްގައި ސެޕްޓެންބަރ 4 ވީ އާދިއްތަދުވަސްކަމަށް 8 ވަނަ އަހަރީދުވަހުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ކުރިއަށްގެންގޮސްފައިވެއެވެ. މިގޮތުން މައިއޮފީހާ ހުރިހާ ގޮފިތަކެއްގައި އެއްވަޤުތެއްގައި އެދުވަހުގެ ހެނދުނު 08:15 ގައި ދިދަ ނަގާފައިވެއެވެ.

 

ސްޓާފް ނައިޓް 2016

8 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު ޙަރަކާތުގެ ގޮތުގައި ސެޕްޓެންބަރު 4 ވަނަ ދުވަހުގެރޭ ކަސްޓަމްސްގެ ބިލްޑިންގ ގެ މީރުބަހުރުމާލަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 'ސްޓާފް ނައިޓް 2016' ކުރިއަށްދިޔައެވެ. މިޙަރާކަތުގެ ތެރޭގައި ގިނަ ކަންތައްތަކެއް ރޭވިގެން ހިންގާފައިވެއެވެ. މިގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ޚިދުމަތްކޮށްދެއްވުމަށްފަހު މިހާރު ރިޓަޔަރކުރައްވާފައިވާ މ. ޤުލްޝަން އަލްއުސްތާޛް އަޙްމަދު ފަހުމީ އާއި، ގއ. ވިލިނގިލި/ފަތަނގުވިލާ އަލްއުސްތާޛް މުޙައްމަދު ނިޡާމް އާއި، ށ. ފުނަދޫ/ފަލަކް އަލްއުސްތާޛް އަޙްމަދު އާދަމް އަދި، ދަފްތަރު 793 އަލްފާޟިލް މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޙިދުމަތުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ހަނދާނީ ފިލާ އަދި ލިޔުން ޙަވާލުކުރުމަށް އިންތިޒާމްކުރެވުނެވެ. މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހުރިހާ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ކްލަބް 'ކްލަބް 220' އިފްތިތާޙްކުރުންވެސް ކުރިއަށްދިޔައެވެ. ކްލަބް އިފްތިތާޙްކޮށްދެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމެވެ.

މިކަންކަމުގެ އިތުރުން، 'ޕީޖީއޯ އެވޯޑްސް' ގެ ނަތީޖާ ފާޅުކުރުމާއި، 'ސީއައިސީ ފުޓްބޯލް ޓޯނަމަންޓް 2016' ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފުޓްބޯޅަ ޓީމުން ކާމިޔާބުކޮށްފައިވާތީ، ފުޓްބޯޅަ ޓީމުގެ ކާމިޔާބީ ފާހަގަކުރުންވެސް ކުރިއަށްދިޔައެވެ.

 

ޕީޖީއޯ އޯޕަން ޑޭ 2016

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 8 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް އިންތިޒާމްކުރި ޙަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ޙަރަކާތެއްގެ ގޮތުގައި ސެޕްޓެންބަރު 5 ވަނަ ދުވަސް އެއީ އޯޕަން ޑޭ ގެ ގޮތުގައި ހަމަޖައްސައި، އޯޕަން ޑޭ ގެ ޙަރަކާތުގެ ގޮތުގައި ޝަރީޢާ އަދި ޤާނޫނު ކިޔަވައިދޭ ތަންތަނުގެ ދަރިވަރުންނަށް އޮފީހާބެހޭ މަޢުލޫމާތު ފޯރުކޮށްދީ، ދަރިވަރުންނަށް އޮފީހުގެ މަސައްކަތްތައް ދައްކާލުން ކުރިއަށްގެންދެވުނެވެ. މިގޮތުން، މިޙަރަކާތުގައި އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ 23 ދަރިވަރަކާއި، ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ 10  ދަރިވަރަކާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ 20 ދަރިވަރެއް އަދި މެޕްސް ކޮލެޖްގެ 25 ދަރިވަރަކު ހިމެނޭގޮތުން ޖުމްލަ 78 ދަރިވަރަކު ބައިވެރިވެފައިވެއެވެ.