ގދ. ތިނަދޫ އަށް ޕްރޮސިކިއުޓަރ ޖެނެރަލް ޒިޔާރަތްކުރައްވައިފި

22 އޮގަސްޓް 2016

އަތޮޅު ތެރޭގައި ޤާއިމުްކޮށްފައިހުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮފިތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ގދ ތިނަދޫ ގޮތްޕަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް 2016 އޮގަސްޓް 21 ވަނަ ދުވަހު ޒިޔާރަތްކުރައްވައިފިއެވެ. މިގޮތުން 2016 އޮގަސްޓް 22 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ގދ. ތިނަދޫ ގޮފީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދިދަ ނަންގަވާދެއްވާފައިވެއެވެ. އެއަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތާގުޅުންހުރި އިދާރާތަކާއި ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު އަދި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވާފައިވެއެވެ. މެޖިސްޓްރޭޓް ކޯޓާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި އެދާއިރާގެ ކޯޓުތަކަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލަތައް ކުރިއަށްގެންދިޔުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. ޕޮލިސް ސްޓޭޝަނާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި، ޖިނާއީ ތަޙްޤީޤްތައް ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންވީ ކަންކަމުގެ މައްޗަށާއި، ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމުގައާއި، އެމައްސަލަތަކުގެ ޝަރުޢީ މަރުޙަލާގައި ގުޅިގެން މަސައްކަތްކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތަކުގެ މައްޗަށް ވާހަކަދެކެވިފައިވެއެވެ. ގދ. ތިނަދޫ އަށް ޕްރޮސިކިއުޓަރ ޖެނެރަލް ކުރެއްވި މިދަތުރުފުޅިގައިވަނީ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ރަށު ކައުންސިލާ އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި، އަތޮޅުތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުން ކުރަންޖެހޭ ދަތުރުތައް ކުރުމުގައި ކައުންސިލްގެ އެހީތެރިކަން ހޯދުމާގުޅޭގޮތުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގދ. ތިނަދޫ ގޮތްޕަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެކަށީގެންވާ ޖާގައެއް ހޯދުމާގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ

ގއ އަދި ގދ އަށް ޕްރޮސިކިއުޓަރ ޖެނެރަލް ކުރައްވާ މިދަތުރުފުޅު ނިންމަވާލައްވައި މާލެ އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓް 23 ވަނަ ދުވަހުއެވެ.